ރާއްޖޭގައި ހަރުކަށި ވިސްނުމަށް ޖާގަދިނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު އެޕާޓީއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިފަދަ ރައްދެއް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ދެއްކެވި ވާހަކަ ތަކަކާއި ގުޅިގެންނެވެ.

ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ވިސްނުމަށް ރައްކާތެރިކަން ދިނީ ސީދާ އެމްޑީޕީން ކަަމަށެވެ. އެގޮތުން ވަކިން ހެދި ޖަމާއަތްތަކަށް ހައްގު ދޭންޖެހޭ ކަަމަށްބުނެ އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން ހުރަސް އެޅި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި، މަތީ މަގާމުތަކުގައި އައިސިސްއަށް ތާއިދުކުރާ ފަރާތްތައް އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުހަންްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގެ އަޑީގައި ޑރ. ޝަހީމް ހުންނެވި ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ދެއްކި ވާހަކައަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރު އޭނާ ހުންނެވީ ޕީއެޗްޑީ މަރުހަލާ ފުރިހަމަ ކުރުމަށް މެލޭޝިޔާގައި ކަމަށެވެ.

"ވެރިކަން ބަދަލުވާން މެދުވެރިވި 22 ރޭގެ މުޒާހަރާގައި އަޅުގަނޑު ބައިވެރިއެއް ނުވަން، އޭރުވެސް ހުރީ ބޭރުގައި މިނިސްޓަރަކަށްވީ 19 ފެބުރުއަރީ 2012ގައި އެއީ މާލެ އައި ފަހުން." ޑރ. ޝަހީމް ވިދާޅުވިިއެވެ.



ޑރ. ޝަހީމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް ވެރިއަކަށް ލާދީނީ އޭ ވިދާޅުވެ އެގޮތަށް މުޚާތަބު ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އޭނާއާއިމެދު ނަފުރަތު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ޝަހީމް ވަނީ ގޮވާލައްވާފައެވެ. ޝަހީމް ވިދާޅުވީ، 2010 ވަނަ އަހަރު އޭނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓްގައި ނަން އާންމުކުރި ކަމަށެވެ. އަދި އޭނާގެ އިސްތަށިފުޅުގައި ބަދުއަޚުލާގީ ތުހުމަތު އަޅުވައި ރާއްޖެޓީވީން އަބުރުކަތިލި ކަމަށާއި އޭނާއާއި ދަރިންނަށް މަގުމަތިން އުނދަގޫކޮށް ބަދުނާމު ކުރި ކަމަށްވެސް ޝަހީމް ވިދާޅުވިއެެވެ.

"ކަންނެލި އޮޑި، ފަހަރި، ބޮނަކުއާ، ގޮޅާބޯ، ރާނގޮޑި ރާޖާ، މިއީ ކޮންބަޔަކު އުފެއްދި ނަފުރަތު، ތިޔަ ބޭފުޅުން އިސްލާހުވީމަ މުޅި ގައުމު އިސްލާހުވެދާނެ. ވީމާ ދޮގު ވާހަކަ ދައްކައި މީހުންނާއި މެދު ނަފުރަތު އުފެއްދުން ހުއްޓާލަންވީ." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަންވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު