ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރު ކޯލިޝަނުން ވަކިވުމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިއަދު ގޮވާލައްވައިފިއެވެ.

ހަލީމް މިހެން ވިދާޅުވީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެބިލަށް ބަހުސް ކުރައްވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށް ވާތީ މި ބިލު މަޖިލީހަށް ފޮނުވާނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާ މަޝްވަރާކޮށް ރުހުން ލިބިގެން ކަމަށެވެ. އެގޮތުން މި ބިލް މަޖިލީހަށް ފޮނުވީ އަދާލަތު ޕާޓީއާއި ޖުމުހޫރީ ޕާޓީއާއި އެމްއާރުއެމްގެ މަޝްވަރާއާއި އެއްބާރުލުމާއި ތާއިދާއެކު ކަމަށް ހަލީމް ވިދާޅުވިއެވެ.

އެެހެން ނަމަވެސް ބިލް މަޖިލީހަށް ފޮނުވި ފަހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީއާއި ޖުުމުހޫރީ ޕާޓީ، މިބިލަކީ ލާދީނީ ބިލެއް ކަމަށާއި، އެބިލާ ދެކޮޅުކަން ހާމަކުރުމުގެ ސަބަބުން ވަރަށް ބޮޑު ފިތުނައެއް އުފެދިގެންދާ ކަމަށް ހަލީމް ވިދާޅުވިއެވެ. އެހެންކަމުން ހަލީމް ވަނީ ސަރުކާރު، ކޯލިޝަނުން ވަކިވުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު މި ފުރުސަތުގައި ކުށްވެރިކުރަން ބޭނުން ކޯލިޝަންގެ ޕާޓްނަރުން މިފަދަ ކަންކަން ކުރެއްވީމަ ވަރަށް ބޮޑު ފިތުނަ ފަސާދަ އެބަ އުފެދޭ، އެހެންވީމާ އަޅުގަނޑު ދިވެހި ސަރުކާރަށް މިވަގުތު ރައީސުލްޖުމުހޫރިއްޔާއަށް ގޮވާލަން ބޭނުން ކޯލިޝަން ސަރުކާރާއި ވީހާވެސް އަވަހަކަށް ވަކިވާށޭ، އެސަރުކާރާއެކީ އޮވެގެން އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެނޭ. މިފަދަ ބިލްތައް އަންނައިރު މަޝްވަރާއާއެކީގައި އެ އަންނަނީ." ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ ހުރިހާ ދިވެހިންނަކީ މުސްލިމުން ކަމަށާއި އެއްވެސް ދިވެއްސަކާ ދިމާއަށް އެއީ ކާފަރެއް ނުވަތަ ލާދީނީ މީހެއް ކަމަށް ގޮވުމުގެ ޖާގަދީ ނަފުރަތު އުފައްދަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ހަލީމް ވިދާޅުވީ "ލާދީނީ" ގޮވެން ޖެހޭނީ އިސްލާމް ދީނަށް ކަނޑައެޅިގެން ފުރައްސާރަ ކުރުމުން ކަމަށެވެ. އެކަން ކުރަން ވެސް ސަރުކާރުގެ ބިލުން ހުރަސް ނާޅާ ކަމަށާއި، މުސްލިމަކާ ދިމާއަށް "ލާދީނީ" ގޮވުމަކީ އިސްލާމް ދީނަށް ކުރާ ފުރައްސާރައެއްކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހުން ކާފަރު ކުރުމުގެ ސަބަބުން މީހުން މަރާ ހިސާބަށް ކަންކަން އެބަދާ ކަމަށާއި، އެކަމުގެ އަޑީގައި ތިބީ ހަރުކަށި ދީނީ ފިކުރުގެ މީހުން ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވަންޖެހޭ ކަމަށް ހަލީީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން