ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ނަފުރަތުގެ އަމަލުތައް ކަނޑައަޅާ ބިލު ހުށައެޅީ ޖުމުހޫރީ ޕާޓީއާއި މަޝްވަރާކޮށްގެން ނޫން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ނަފުރަތުގެ އަމަލުތައް ކަނޑައަޅާ ބިލު ނުވަތަ މަޝްހޫރު ލާދީނީ ގޮވުން ހުއްޓުވާ ބިލު ހުށައަޅާފައިވަނީ ކޯލިޝަން ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ކޯލިޝަން ޕާޓީތަކާއެކު މަޝްވަރާ ކޮށްފައި ވަނިކޮށް އެޕާޓީތަކުން ބިލަށް ފާޑުކިޔުމުން ވަރަށް ބޮޑު ފިތުނައެއް އުފެދިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމުގެ އެ ވާހަކަތަކާއި ގުޅިގެން "ރަސްއޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ލާދީނީ ކިޔުން ހުއްޓުވާ ބިލް މަޖިލީހަށް ހުށައެޅީ ޖޭޕީއާވެސް އަދި އެމަނިކުފާނާއި ވެސް މަޝްވަރާކުރުމެއް ނެތި ކަމަށާއި، ދޮންބިލެތް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެބިލްގެ މަފްހޫމް އޮތްގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ އެއީ ލަދުވެތި ވާންޖެހޭނެ ކަމެއް ކަމަށް މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ޖުމުހޫރީ ޕާޓީންވެސް އަދި އެމަނިކުފާނުވެސް ތާއިދު ނުކުރައްވާ ކަމަށެވެ.

"ޖޭޕީން ވާނީ އެކަމާ ގުޅިގެން ޕާޓީން ދެކޭގޮތް ހާމަކޮށް ބަޔާނެއް ނެރެފައި، މި ނޭވާގައި ވެސް އަޅުގަނޑު ގޮވާލަން މި ބިލް ފާސްނުކުރުމަށް. އެއީ ސައްތައިންސައްތަ އިސްލާމީ މި ގައުމުގައި ކުރަން ހެއުވާވަރުގެ ކަމެއް ނޫން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީއާއި ނުވަތަ އެމަނިކުފާނާ މަޝްވަރާ ކުރިނަމަ އެބިލު އެގޮތަށް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ބިލެއް ފާސްކުރަން ވެސް ތާއީދު ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ، އިސްލާމް ދީނަށް ލޯބިކުރާ ފުރިހަމަ މުސްލިމަކު އެފަދަ ބިލަކަށް ތާއީދެއް ނުކުރާނެ. އެބިލަށް ތާއީދު ނުކުރާ ސަބަބުވެސް އަޅުގަނޑުމެން އޮންނާނީ މީގެކުރިން ވަރަށް ސާފުކޮށް ބުނެދީފަ. އިސްލާމްދީނަށް ކުޑަވެސް ގެއްލުމެއް ލިބޭ، އިސްލާމްދީނަށް، އެދީން ފެތުރުމަށް އެއްވެސް ހުރަހެއް އެޅޭ އަދި ލޮޅުމެއް އަރާފަދަ ކަމެއް ކުރަންޏާ އަޅުގަނޑު ވެސް އަޅުގަނޑުގެ ޕާޓީންވެސް އެކަމާ ދެކޮޅަށް ތެދުވާނަން. މިގައުމުގެ ރައްޔިތުންގެ އިސްލާމީ އަގީދާއަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް އަޅުގަނޑުވެސް އަދި ޖޭޕީއަކުން ވެސް ތާއީދެއް ނުކުރާނެ. އަދި އެފަދަ ކަމެއް ކުރާއިރު މަޑަކުން ވެސް ނުތިބެވޭނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މާތްﷲއާއި އެކަލާނގެ އިސްލާމީ އުއްމަތަށް ފޮނުއްވި ކައު ސާހިބާއަށް މަލާމަތްކޮށް ގޮންޖަހައި ވާހަކަ ދެއްކުމަށް ކުޑަވެސް ފުރުސަތެއް ހުޅުވާލަދޭ ބިލަކަށް ވެސް އަދި އެފަދަ ކަމަކަށް ވެސް ޖޭޕީންވެސް އަދި އެމަނިކުފާނުވެސް އެކަމަށް ތާއީދު ނުކުރަށްވާނެ ކަމަށެވެ.



ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައެޅި މިބިލު އިއްޔެ މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެމްބަރުންނެވެ. އަދި ބިލު ބަލައި ގަންނަން ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓުދެއްވިއެވެ. މި ބިލުގެ ބަހުސްގައި އެމްޑީޕީ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ބިލް މިހާރުއޮތްގޮތުން އިތުރު ފިތުނަތަކެއް އުފެދިދާނެ ކަމަށްބުނެ ކޮމިޓީމަރުޙަލާގައި ބިލު އިސްލާޙު ކުރުމަށް ގޮވާލާފައެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މީގެކުރިން ވިދާޅުވެފައިވަނީ އެބިލް ފާސްކުރާނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށާއި، ކޮމެޓީ މަރުހަލާގައި އެބިލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށައެޅުއްވި ލާދީނީ ކިއުން ހުއްޓުވާ ބިލުގައި ބުނެފައިވަނީ އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މިބިލުގެ ސަބަބުން ކަނޑައެޅިގެން އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކައި އަދި އެދީނަށް ފުރައްސާރަކޮށް ގޮންޖަހަމުން ދާ މީހުންނާއި އިސްލާމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާ މީހުންނާ ދިމާއަށް ވެސް އެމީހާއަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް ހުރަސް އަޅާކަމަށް ގިނަ ދީނީ ޢިލްމުވެރިންނާއި ގާނޫނުގެ ބައެއް އިލްމްވެރިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން