ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ލޮންޑައުންކޮށްފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، ހިތަދޫ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ އެއް ހަފްތާގެ މުއްދަތަށްކަމަށެވެ. އަދި ލޮކްޑައުން ކޮށްފައި އޮންނަ މުއްދަތުގައި ހުއްދައަކާއި ނުލާ ބޭރުގައި އުޅުން މަނާވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ ހިތަދޫގެ ކޮންމެ ގޭބީސީއަކަށް 2 ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 2 ފާހަށް ހުއްދަ ދެވޭނީ 2 ގަޑިއަކަށް ބަހާލައިގެންކަމަށެވެ. އަދި މިއީ އާންމު ވިޔަފާރި ކުރުމަށާއި އެހެނިހެން ޒަރޫރީ ބޭނުން ތަކަށް ދޫކުރެވޭނެ ފާހެއް ކަމަށާއި މިފާސްތައް ހޯއްދަވަން ޖެހޭނީ ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށްކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ.

ހިތަދޫގެ ކެފޭ ހޮޓާ ރެސްޓޯރެންޓް ފަދަ ކާބޯތެކެތީގެ ހިދުމަތްދޭ ތަންތަނުން ހަމަ އެކަނި ޑެލިވަރީ ކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ވަޒީފާގެ ބޭނުމަށް ބޭރުގައި އުޅެންޖެހޭ ފަރާތްތަކާއި، ދަނޑުވެރިން އަދި މަސްވެރިންނަށް ވަކި ހުއްދައެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ޑިއުޓީތަކަށްދާ މުވައްޒަފުން ވެސް ޑިއުޓީތަކަށް ދާއިރު ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މިގޮތަށް ހުއްދަ ހޯދުމުގައި އޮފީސްތަކުން އައްޑޫ އީއޯސީއަށް މުވައްޒަފުންގެ މައުލޫމާތު ފޯރުކޮށްދިނުމުން އެ ހުއްދަތައް ދެވެނޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ކަސްރަތުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް އެ ފުރުޞަތު ލިބޭނެކަމަށާއި ނަމަވެސް ކަސްރަތަށް ނުކުންނައިރު ގްރޫޕް ހަދައިގެން ނުދިއުމަށް އީއޯސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫސިޓީ ހިތަދޫގައި ކޯވިޑް-19 ހާލަތު އިތުރަށް ގޯސް ވެގެން ދިޔައީ، ބިދޭސީންތަކެއްގެ މެދުގައި ކޯވިޑް ފެތުރިގެނެވެ. އެގޮތުން ވޭތުވެދިޔަ 3 ދުވަހުވެސް ގިނަ ކޭސްތަކެއް ވަނީ ހިތަދޫން ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން