މާލޭގައި އުޅޭ ރައްޔިތުންނަށްވެސް ގެދޮރު ލޯނެއް ހަމަޖައްސަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.

މީކާއިލް މިކަމަށް ގޮވާލައްވާފައި މިވަނީ ސަރުކާރުން "ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ ނަމުގައި އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ލޯނު ސްކީމެއް ތައާރަފްކޮށް، އެ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށެވެ.

މި ލޯނު ސްކީމާއި ގުޅޭގޮތުން މީކާއިލް ވިދާޅުވީ މިއީ ރަނގަޅު ސްކީމެއްކަމަށެވެ. ނަމަވެސް ހަމަ މިގޮތަށް ބުރިބުރިއަށް ނުނަގާ، އަމިއްލައަށް އުޅެލެވޭވަރަށް ގެދޮރު އިމާރާތްކުރަން ބޭނުންވެފައިތިބި މާލޭގެ އެތައް ރައްޔިތުންނެއްވެސް އެބަ ތިބިކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި އެކަން ނުވެފައި އެމީހުން ތިބީ ލޯނުގެ އިންޓްރެސްޓް ބޮޑުކަމުންކަމަށާއި، އެމީހުންނަށްވެސް 7 ލައްކަ ރުފިޔާއާ ހަމައަށްވިޔަސް މިފުރުސަތު ލިބެންޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ.



"ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ ދަށުން ހަތް ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާއިރު، މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓް އިންޓްރެސްޓްގައެވެ. އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

"އެޗްޑީއެފްސީގެ ވެބްސައިޓުން ލޯންގެ އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ. ލޯނަށް އެޕްލައިކުރެވޭނެ ގޮތް މިހާރު ވަނީ ހުޅުވާލެވިފައި." މަބުރޫކް ވިދާޅުވި އެވެ.

މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތް ކުރުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ލޯނު އަބުރާ ދެއްކުމަށް 20 އަހަރު ލިބޭނެއެވެ. 20 އަހަރުގެ ތެރޭގައި ކޮންމެ މަހަކު ލޯނަށް 6000 ރުފިޔާއަށް ވުރެ މަތިން ދައްކާކަށް ނުޖެހެއެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން