އިދިކޮޅު ޕީޕިއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލާއެކު ސަރުކާރުން މާލޭގެ ތަރައްގީއަށް މަސައްކަތް ފެށުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް މިހެން ވިދާޅުވީ، މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕްލޭނިން މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހިއްސާކުރުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވައި ރޮޒައިނާ ވިދާޅުވީ ރޭ ފެނިގެން މިދިޔައީ ސިޔާސީ ޕާޓީ ނިޒާމު ރާއްޖެއަށް އައިފަހުން ރާއްޖޭގައި ނުފެންނަ، އަދި ގާނޫނީ ރޫހު އާލާވާފަދަ މަންޒަރެއް ކަމަށެވެ. އިދިކޮޅުގެ މެޖޯރިޓީ އޮތް މާލެ ސިޓީކައުންސިލާއެކު މާލޭގެ ތަރައްގީއަށް މަސައްކަތް ފަށައިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަކާއި އެކު ސަރުކާރުން މާލެ ތަރައްގީއަށް މަސައްކަތް ކުރާތަން. މިއީ ރައީސް ޞާލިހު ތަފާތުވާ ސަބަބަކީ. ގައުމު އިސްކުރާތީ." ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރޮޒެއިނާ ވިދާޅުވިއެވެ.

ރޭ ސަރުކާރުން ހާމަކުރި ޕްލޭންގައި ބުނާގޮތުން ނޯތު ހާބަރު ބަދަލު ކުރާނީ ގުޅިފަޅަށެވެ. މިސަރުކާރުން ގުޅިފަޅު ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޕްލޭނާއި މާލޭގެ މޭޔަރު ވިސްނުން ކޮންމެވެސް ވަރަކަށް ފުށުއަރައެވެ. އެގޮތުން ގުޅިފަޅުގައި ތައްރައްގީ ކުރަން ރާވާފައިވާ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތިދޫކުރާ ތަނަކަށް ހެދުމަށް މުއިއްޒު ގެންދަވަނީ ވަކާލާތު ކުރަށްވަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާފައެވެ. 300 މީހުންނާއެކު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ބައިވެރިވެ ސަރުކާރުގެ ތަރައްގީގެ ޕްލޭން ވަނީ ހާމަކޮށްފައެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް މިހާރު ހުންނެވީ ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން