ލޯކަލް ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފުކަމަށްވާ، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ ބާރު ކައުންސިލްތަކުން އަތުލުމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީޙުގެ ގިނަ މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ސަރުކާރުގެ ފަރާތުން މިއިސްލާހު ލާމަރުކަޒީ ޤާނޫނާއި ސިވިލް ސަރވިސް ޤާނޫނަށް ހުށަހަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

ޤާނޫނުތައް މިހާރު އޮންނަ ގޮތުން ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ހުންނަ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރާނީ ކައުންސިލުގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ސައީދު ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި މިކަން ކުރާގޮތަށް ޤާނޫނުތައް އިސްލާހު ކުރުމަށެވެ. ސައީދު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ގާނޫނަށް މިއިސްލާހު ގެންނަން ނިންމީ ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި އިދިކޮޅު މެމްބަރުންނާއި ސަރުކާރުގެ ގިނަ މެމްބަރުން ވަނީ މިބިލަށް ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ ހިންގުމުގެ ދާއިރާގެ ތެރެއަށް އިތުރު ބަޔަކު ވަނުމަކީ ކައުންސިލްތަކުގެ އިހުތިސާސަށް އަރައިގަތުންކަމަށް އެމެންބަރުން ވިދާޅުވިއެވެ. މީގެއިތުރުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ ބާރަކީ ކައުންސިލްތަކަށް އެކަނި އޮންނަންޖެހޭ ބާރެއްކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.

ބައެއް މެމްބަރުން ވަނީ މިބިލަށް ތާއީދުކޮށްވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖެއަކީ ފެޑަރަލް ދައުލަތެއް އޮންނަ ގައުމެއް ނޫންކަމަށާއި، މިއީ ޔުނިޓަރީ ދައުލަތެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި ފެޑަރަލް ދައުލަތެއްގައި ވަކިވަކިން ރަށްރަށާއި އަތޮޅުތައް ހިންގިޔަސް، ޔުނިޓަރީ ދައުލަތެއްްގައި ކަންކަން ހިނގަނީ މައި ސަރުކާރުގެ ބައިވެރިވުމާއެކުކަމަށް މެމްބަރުން ވިދާޅުވިއެވެ.

މިބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށްދާއިރު، ބިލު މަޖިލީހަށް ބަލައިގަތުމާއިމެދު ގޮތެއް ނިންމާނީ ބަހުސް މަރުހަލާ ނިމުމުންނެވެ. މެމްބަރުންގެ ވާހަކަ ހުރި ގޮތުން ބޮޑަށް ބެލެވެނީ މިބިލު މަޖިލީހަށް ބަލައިނުގަންނާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން