މިިދިޔަމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިނުމުގެ ހަފްތާއެއްހާ ދުވަސްކުރިން އެ ހަމަލާގެ ތުހުމަތުކުރެވޭ ފަރާތްތަކަކާއި ފުލުހުންނާ ދިމާވެފައިވާކަން ހާމަވެއްޖެއެވެ.

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ، ބޮމުގެ ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި ބަޔަކާއި ފުލުހުންނާއި ދެމެދު މުއާމަލާތްތަކެއް ހިނގާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެފައި ވަނިކޮށެވެ. އެފޮޓޯ އާއްމުކުރި ފަރާތުން ބުނެފައިވަނީ، ފޮޓޯއިން ފެންނަނީ ރައީސް ނަޝީދަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތައް، އެ ހަމަލާގެ ހަފްތާއެއްހާ ދުވަސްކުރިން ކަނޑުމަތިން ފުލުހުން ހުއްޓުވައިގެން އުޅޭ މަންޒަރުކަމަށެވެ. އަދި މިއީ ކޮންކަމެއްތޯ އެމީހާ ސުވާލު އުފައްދާފައިވެއެވެ.

ފުލުހުން މިކަމާއި ގުޅިގެން ބުނީ 6 މެއި 2021ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 1 ވަނަ ދުވަހު މެރިން ޕޮލިސްއިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި މީހެކަމުގައި މެރިން ޕޮލިސްއިން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަޙުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދުވެސް ހުރިކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ލޯންޗް ހުއްޓުވީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން އެ ލޯންޗުގެ ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން ހުޅުމާލެ ފަޅުތެރެއިންކަމަށެވެ. އަދި ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށްފަހު ލޯންޗު ދޫކޮށްލިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށެވެ.

ފުލުުހުން ކަނޑުމަތިން ހުއްޓުވި ލޯންޗުގައި ތިބީ ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ތެރެއިން ބޮން ގޮއްވާލިކަމަށް ތުހުމަތުކުރާ އަދުހަމް އަހުމަދާއި، ބޮން ހަރުކުރި ސައިކަލްގެ ވެރި ފަރާތްކަމަށްވާ ތަހުމީން އަހުމަދެވެ.

މި ދެމީހުންގެ އިތުރުން، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ލ.ގަން ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން