ދިވެހިންގެ ބައިވެރިވުމެއްނެތި ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭ ގޮތްހެދުމަށް ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓު ޕޮލިސީއަށް ގެނައި ބަދަލުތައް އިސްލާހުކުރުމަށްފަހު އަލުން ގެޒެޓްކޮށްފިއެވެ.

މިދިޔަ އާދީއްތަދުވަހު ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓު ޕޮލިސީއަށް ސަރުކާރުން ގެނައި އިސްލާހާއެކު ރައްޔިތުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވިއެވެ.

ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ. މީގެއިތުރުން އެއަރޕޯޓް ހިންގާ ބަޔަކަށް އެއަރޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލްވެސް ލިބޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ސަރުކާރުން ވަނީ އެކަމުގައި ރައްޔިތުންނަށް އަރާ އޮޅުންތައްވެސް ސާފުކޮށްދެއްވާފައެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް ބޭރު ބަޔަކަށް ވިއްކާނުލާނެކަމަށާއި، ހިއްސާއެއްވެސް ނުވިއްކާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ސަރުކާރުން މިހާރު ވަނީ އާދީއްތަދުވަހު ގެޒެޓްކުރި ސިޔާސަތު އިސްލާހުކުރުމަށްފަހު، އިއްޔެ އަލުން ގެޒެޓްކޮށްފައެވެ. އިއްޔެ ގެޒެޓުކުރި އިސްލާހުގައި، ސަރުކާރުން ފޯރުކޮށްދޭން ލާޒިމުކުރާ ހިދުމަތްތަކާއި ކަސްޓަމްސްް، އިމިގްރޭޝަން އަދި އެއާޓްރެފިކް ކޮންޓްރޯލާއި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތް ބޭރު ފަރާތްތަކަށް ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ. އަދި އެމަސައްކަތްތައް ނުހިމެނޭހެން ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެއާރޕޯޓު މެނޭޖުމެންޓުގެ މަސައްކަތްތައް ބޭރު ކުންފުނިތަކަށް ކުރެވިދާނެ ކަމަށް މިއިސްލާހުގައިވެއެވެ.

މިދިޔަ ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ބޭރުގެ އެއްވެސް ބަޔަކަށް ރާއްޖޭގެ އެއަރޕޯޓެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށެވެ. މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރީޖަނަލް އެއަރޕޯޓުގެ އެއްވެސް ހިއްސާއެއް ބޭރުގެ އެއްވެސް ބަޔަކަށް ވިއްކުމަކީ ހުވަފެނުގައި ވެސް ދުށް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންނަށް އެއަރޕޯޓުގެ ހިއްސާ ވިއްކުމަކީ ދެކޭ ހުވަފެނެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން