ރައީސް ޔާމިންގެ ސަރުކާރުން ހިޔާ ފުލެޓްގެ ކުލީގެ އަގުހެދުމުގައި ހިސާބު ޖަހާފައިވަނީ އަނބުރާ ދެއްކުމަށް ހިސާބު ޖަހާ ގޮތަށް ނޫންކަމަށާއި، ހިސާބު ޖެހުމަށް އޭރު ބޭނުންކުރި ފޯމިއުލާގައި ފަންޑަމެންޓަލް މައްސަލަތަކެއް އުޅޭކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު 7000 ރުފިޔާއަށްވުރެ ކުޑަކޮށް، 5600 ރުފިޔާއަށް ދޫކުރުމަކީ ހަމައަގެއް ނޫން ކަމަށާއި، އޭރު ހިސާބު ޖަހާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ 7500 ރުފިޔާއަކީ މިހާރުވެސް ވަރަށް ގިނަ ކަންކަން އޭގެ ތެރެއިން އުނިކޮށްފައި ކަނޑައަޅާފައިވާ އަގެއް ކަމަށް އަސްލަމް ވިދާޅުވިއެވެެ. އެގޮތުން ބިމުގެއަގާއި އަދި އިތުރަށް އެތަނަށް ވަނުމަށްޓަކައި ކުރަންޖެހޭ އެތަނުގެ ސެކިއުރިޓީ ފަދަ ހުރިހާ ހަރަދެއް ކުޑަކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިިސްޓަރު އަސްލަމް ވިދާޅުވީ "އީއެމްއައި ކަލްކްލޭޓް" ކުރަން އެނގޭ ބަޔަކު އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ. އަދި 7000 ރުފިޔާއިން، 5600 ނުވަތަ 6000 ރުފިޔާއަށް އަގުތައް ކުޑަކުރުމަކީވެސް އެންމެ ހަމަ އަގެއް ނޫންކަން އެގެންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިޔާ ފުލެޓްތައް އަޅާފައިވަނީ ލޯނެއް ނަގައިގެން ކަމަށާއި އެ ލޯނު 15 އަހަރު ތެރޭގައި ދައްކަންޖެހޭއިރު އެ ލޯނު އެމުއްދަތުގައި ނުދެއްކުމަކީ އޮޕްޝަނެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އަގުތައް ކުޑަކުރާ ވާހަކަދައްކަންޖެހޭނީ އެކަންކަން ދެނެތިބެގެެން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެއީ ދައުލަތަށް ދެމެހެއްޓެވި ގޮތެއްގައި ކުރެވޭނެ ކަމަކަށްވެސް ވާންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ދެން އޮންނާނީ އަގުއެހެން ހުއްޓަސް އެއީ އެއަދަދު ކަމަށްވިޔަސް އެއަދަދު ކުޑަކުރާނީތޯ؟ އެކަން ކުރާކަމަށް ވަންޏާ މި ދައުލަތުގެ އެންމެހާ ހިއްސާ ދާރުންނަށް އެގެންޖެހޭނެ އެއީ ހަމަ އަގެއް ނޫންކަން." އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ 7،500 ރުފިޔާއަކީ ރައްޔިތުންގެ މާލީ ހާލަތަށް ބަލައި އެންމެ އެކަށީގެންވާ އަގަކަށް ނުވާތީ އެއަގު 5،600 ނުވަތަ 6،000 ރުފިޔާއަށް ކުޑަކޮށްދިނުމަށް މިނިސްޓްރީއާއި ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި މިނިސްޓްރީއާއި ސިޓީ ކައުންސިލާއި ދެމެދު އެކަމުގައި މަޝްވަރާ ކުރަމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ އަގުތައް މިހާރު ކަނޑައަޅާފައިވާގޮތް ސިޓީ ކައުންސިލުން ދިރާސާ ކުރުމަށްފަހު އެޗްޑީސީއާއި ސިޓީ ކައުންސިލް އަދި ޕްލޭނިން މިނިސްޓްރީއާއިއެކު ކުރެވޭ މަޝްވަރާތަކުން މިއަގު ކުޑަކުރެވިގެންދާނެ ކަމަށެވެ. ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލީގެ އަގު ކަނޑައެޅިގޮތުގެ ހިސާބުތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މާލެ ސިޓީ ކައުންސިލާއި ހިއްސާކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން