ޒަހީނުއްދީން ސަޢީދު   17 ޖޫން 2021 - 2:41
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ.

އީސަގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ ތިންވަނަ ދުވަހު އެެވެ.

އީސަގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މިކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުން ކަމަށް އެ މާއްދާގައި ބުނެފައިވެއެވެެ.

އީސާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު އެމައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިވަޑައިގެންފައެވެ. ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގިކަމަށް ވިދާޅުވެ އަސްރާ ވަނީ ފުލުހަށް ބަޔާންވެސް ދެއްވާފައެވެ.

ގެވެށި އަނިޔާގެ މިމައްސަލައާއި ގުޅިގެން އީސަ ހައްޔަރުކުރަން ޕީޖީ އޮފީހުން މީގެކުރިން ކޯޓު އަމުރަކަށް އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ދޭން ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން