ބައިލައްކައަށްވުރެ ގިނަރުފިޔާގެ މުސާރައަކާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ މަގާމުގެ މުސާރައަކީ މަހަކު 54،430 ރުފިޔާއެވެ. މީގެ އިތުރުން އެ މަގާމަށް ހޮވޭ މީހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 530 ރުފިޔާ ކޮންމެ ދުވަހަކު ލިބޭއިރު ޖުމްލަ 70000 ރުފިޔާ އަށްވުރެ ގިނަ އަދަދެއް ލިބޭނެއެވެ.

އިއުލާންގައި ބުނެފައިވާގޮތުން ހެލްތްގެ ޑީޖީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުން ހިމެނެއެވެ.

އަދި ސިއްޙީ ދާއިރާއިން ތަންފީޒުކުރަމުންދާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ދާއިރާއިން ބައިވެރިވާ އެހެނިހެން ބައިނަލްއަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ފަންނީ އަދި ޓެކްނިކަލް ގޮތުން ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަން މިނިސްޓަރަށާއި ޕޮލިސީ ނިންމުމުގައި ޝާމިލްވާ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާއެކު، އެ ކަންކަމާ ގުޅުންހުރި ތަންފީޒީ ޙަރަކާތްތައް ވިލަރެސްކުރުމާއި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މުރާޖަޢާކުރަމުން ގެންދިއުމުގެ އިތުރުން ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރުގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއެކު ގުޅުންބަދަހިކުރުމަށް ބޭނުންވާ އިރުޝާދު ދިނުމަކީވެސް އެ ބޭފުޅެއްގެ މަސްއޫލިއްޔަތެއްކަމަށް އިއުލާންގައި ބުނެފައިވެއެވެެ.

މީގެ އިތުރުން ސިއްޙީ ދާއިރާއިން ބިނާކުރަންޖެހޭ ފަންނީ ހުނަރުވެރިކަން ދެނެގަނެ، އެ ޤާބިލުކަން ޔަޤީން ކުރުމަށްޓަކައި ބޭނުންވާ ފުރުޞަތުތައް ހޯދުމަށް ޔުނިވާސިޓީތަކާއި އެހެނިހެން މުއައްސަސާތަކާއެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހިކޮށްދިނުމާއި ސިއްޙީ ދާއިރާ ހިންގުމަށާއި ޚިދުމަތްދިނުމަށް ބޭނުންވާ ގިންތިތަކަށް އެކަށީގެންވާ މިންވަރަށް ރާއްޖެއިން ދިވެހީން ތަމްރީނުކުރުމަށް ޓަކައި ސިއްޙީ ދާއިރާގެ މަތީތައުލީމުދޭ މުއައްސަސާތަކާއެކު މަޝްވަރާކޮށް ބޭނުންވާ ކޯސްތައް ތައްޔާރުކުރުމަށް އެ މުއައްސަސާތަކަށް ލަފާދީ، އެ މުއައްސަސާތަކާއެކު ގުޅުންބަދަހިކުރުން ހިމެނޭ ކަމަށް އިއުލާންގައިވެއެވެެ.

ހަމައެހެންމެ މި މަގާމަށް ހޮވޭ މީހާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްޙީ ދާއިރާގެ ފަންނީ ލަފާދޭ އިސްމީހެއްގެ ގޮތުން ކަމާގުޅުންހުރި އެހެން ދާއިރާތަކާއެކު މަޝްވަރާކޮށް ވިލަރެސްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެއެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި އެއް އަހަރުދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާން ޖެހޭނެ ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.

އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ތިނެއް ނުވަތަ އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/ އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ކްލިނިކަލް ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށްވެސް ސީއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމީހަކީ ސިއްޙީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ އަދި ޖުމުލަ 8 އަހަރު ދުވަހުގެ ސިއްޙީ ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ާއަބްދުލް ހާދީ

22-Jun-2021

ޢިންޑިޔާަ މީހެއް ރަނގަޅުވާނެ! މިނިސްޓަރ ގަަައިގާ އެކަމުގެ ޢާބިލްކަން ނެތީމާވާގޮތް!



ޓްރެންޑިން