ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމަށް ކުރި އިއުލާނާއި ގުޅިގެން 13 ކުންފުންޏަކުން ކުރިމަތިލާފައިވާކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސްއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ފްލައިންގ ސްކޫލެއް ހިންގުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އިއުލާނާއި ގުޅިގެން 13 ކުންފުންޏަކުން އެކަމަށް ކުރިމަތިލާފައިވާކަމަށާއި، އޭގެ ތެރޭގައި ދިވެހި ކުންފުންޏެއްވެސް ހިމެނޭކަމަށެވެ. ރާއްޖެއިން ބޭރުން، އެމެރިކާއާއި ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކުގެ ކުންފުނިތަކުންވެސް އެކަމަށް ކުރިމަތިލާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ދަނީ ފްލައިން ސްކޫލް ހިންގުމަށް ކުރިމަތިލި ކުންފުނިތަކުގެ ހުށަހެޅުންތައް ދިރާސާކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ކޮމާޝަލް ޕައިލެޓް ލައިސަންސާ ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މިސްކޫލް ވަކިން މެނޭޖުކުރި ނަމަވެސް، އެއަރކްރާފްޓް މެއިންޓަނެންސާއި ސަލާމަތީ ކަންކަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުންކަމަށެވެ. އަދި އެ ސްކޫލް ހިންގަން ހަވާލުވާ ފަރާތުން އެއަރކްރާފްޓް ހޭންގަރަކާއި، ތަމްރީނުދޭ އިމާރާތަކާއި، ދެ މަލްޓި އިންޖީނާއި، އަދި ހަތަރު ސިންގަލް އިންޖީން އެއަރކްރާފްޓް ބަލަހައްޓަން ޖެހެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތުގެ ހުންނަން ލާޒިމްކުރާ ޝަރުތު ތަކުގެތެރޭގަައި، 10 އަހަރުގެ ތަޖުރިބާއާއި އަދި ކަމާގުޅޭ ހުއްދަ އޮންނަން ޖެހެއެވެ. ހަަމައެއާއެކު އަމިއްލަ ގައުމު ފިޔަވައި އެހެން ގައުމެއްގައި، މަދުވެގެން ދެ ފްލައިން ސްކޫލެއް ގާއިމްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެެވެ.

ރާއްޖޭގައި މިހާރުވެސް ފްލައިންގ ސްކޫލެއް ހިންގައެވެ. ނަމަވެސް އައްޑޫގައި ހިންގާ އެސްކޫލްގެ މައްސަލަ ބޮޑުވެ، އެތަނުގައި ތިބި ދަރިވަރުންގެ ކިޔެވުންވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން