ފްލެޓް ވިއްލާނެ ކަމަށްބުނެ މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލައިގެން ފިލައިގެން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ބަންދުން ދޫކޮށްލައިފިއެވެ.

ފްލެޓްއަޅައި ވިއްކާފައި މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހޯދަމުންދިޔަ އަހުމަދު މޫސާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރުމަށްފަހު ރާއްޖެ ގެނައީ މާޗުމަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ހުންނަނީ ފުލުހުންގެ ބަންދުގައެވެ.

އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަނެއްކާވެސް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް ކޯޓުން ވަނީ ޝަރުތުުތަކެއް ކުރުމަށްފަހު އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އަޙްމަދު މޫސާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

މީގެކުރިން ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ މި މައްސަލަ ކޯޓަށް ހުށައަޅާފައިވާތީ އެންމެ ރަނގަޅު ގޮތަކީ ހުށައެޅިފައިވާ ހެއްކާ ގަރީނާތަކަށް ބެލުމަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ ގޮތެއް ނިންމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން