އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ އާއިލާއަކަށް ދިވެހި ފުލުހުންގެ ފަރާތުން ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކުރައްވައިފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މާފަންނު މޫންލައިޓްވެލީ، ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާއާއި ދަރިން، އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

މި ބަޔާނުގައި ފުލުހުން ބުނީ ޢަލީ ޝާފިޢާއި އޭނާގެ އަނބިމީހާއާއި 4 ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ލިބިފައިވާކަމަށެވެ. އަދި މި މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ލިބުމުގެ ކުރިން މި މީހުންނާ ގުޅޭ މިފަދަ މަޢުލޫމާތެއް އެ ސަރވިސްއަށް ލިބިފައިނުވާކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން ވިދާޅުވީ މި މަޢުލޫމާތު ލިބުމާއެކު އަފްޣާނިސްތާނުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުންގެ ޓީމެއް 2019 ފެބުރުއަރީ މަހުތެރޭގައި އަފްޣާނިސްތާނަށް ގޮސްފައިވެއެވެ. އަދި މި ކަންކަމާ ގުޅޭ ތަފްޞީލުތައް 2010 ޑިސެންބަރު 03 ވަނަ ދުވަހު ފުލުހުންގެ ނޫސް ބަޔާނަކުން އާއްމުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާކަމަަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި، މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފާރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން