ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާދީނީ ގޮވުން ހުއްޓުވާ ބިލު އަނބުރާ ގެންދިއުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ގޮވާލައިފިއެވެ.

ލާދީނީ ގޮވުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލީ ރާއްޖޭގެ 101 ދީނީ އިލްވެރިޔަކު ސޮއިކޮށް ފޮނުއްވި ޕެޓިޝަނެއްގައެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ބިލްގެ ސަބަބުން އިސްލާމްދީނާ ދެކޮޅު ހަރަކާތްތަކާއި ދެކޮޅަށް އަޑު އުފުލައި އެކަންކަން މަނާކުރުމަށް ގޮވާލުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެކަމަށެެވެ. އަދި އެފަދަ މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުުވާކޮށް އަދަބު ދިނުމަކީ، ދީނާއި ޤައުމިއްޔަތާއި ހިލާފުކަމެއްކަމަށްވެސް އިލްމުވެރިންގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން މިބިލްގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ނަަމަވެސް، ވެރިކަން ބަދަލުވާ ހާލަތެއްގައި ކަންކަން ހިނގައިދާނެ ގޮތުގެ ޔަގީންކަން ރައީސަށް ނުދެއްވޭނެކަމަށްވެސް ޕެޓިޝަންގައިވެއެވެ.

ރާއްޖޭގެ 101 އިލްމުވެރިޔަކު ސޮއިކޮށް، ލާދީނީ ގޮވުން ހުއްޓުވާ ބިލު އަނބުރާ ގެންދިއުމަށް ރައީސަށް ދަންނަވާފައިވާއިރު، ރާއްޖޭގެ އެކިއެކި ޖަމުޢިއްޔާތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންވެސް ދަނީ މިބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކާއި މަޝްހޫރު ދީނީ އިލްމުވެރިންވެސް ވަނީ މިބިލާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ސަރުކާރުން މިކަންކަމަށް އިޖާބަ ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން