ދައުލަތުން ދައުވާކުރާ މައްސަލަތަކުގައި ވަކާލާތު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހާޒިރުކުރުމަށް ޑިމާންޑް ނުކުރެވޭނެ ކަމަަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެެވެ.

ބްލޮގަރ ޔާމީންގެ މަރުގެ މައްސަލާގައި ދަޢުލަތުގެ ވަކީލުން ފަރުވާ ކުޑަކަމަށްބުނެ އެ މައްސަލަ ބަލައިދިނުމަށްއެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެެވެ. އެސޯސިއޭޝަން ފޯ ޑިމޮކްރެސީއިން ދަ މޯލްޑިވްސް (އޭޑީއެމް) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެމައްސަލާގައި ޕީޖީ އޮފީހުގެ ވަކީލުންގެ ފަރާތުން ފަރުވާ ކުޑަކަމަށް ފެންނަ ބައެއް ކަންތައްތައް ފާހަގަކޮށް އެ މައްސަލައިގައި ޝަރީއަތުގައި ވަކާލާތު ކޮށްދެއްވުމަށް ޕީޖީ ޝަމީމުގެ އަރިހުން މިދިޔަ ފެބްރުވަރީމަހު އާއިލާއިން އެދިފައިވާނެ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް ކޯޓަށް ވަޑައިގަތުމާއި ގުޅޭގޮތުން ޕީޖީ ވަކި އެއްޗެއް ހާމަކުރައްވާފައި ނުވާ އެޖަމިއްޔާ އިން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން "ރަސްއޮންލައިން" އިން ޝާއިއު ކުރި ޚަބަރެއް ހިއްސާކުރައްވަމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ‏ދައުލަތުން ދަޢުވާކުރާ މައްސަލަތަކުގައި ވަކާލާތުކުރަން ކޯޓަށް ދާނެ ވަކީލުން ކަނޑައަޅާނީ ޕީޖީ ކަމަށެވެ. ވަކީލުން ފަރުވާކުޑަނަމަ އެވަކީލުން ބަދަލުކުރުމަށް ޕީޖީއަށް ހުށަހެޅޭނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.



"ނަމަވެސް މައްސަލާގައި ސީދާ ޕީޖީ ކޯޓަށް ޙާޟިރުވުމަށް ޑިމާންޑެއް ނުކުރެވޭނެ." ހައިލަމް ވިދާޅުވިއެވެ.

އޭޑީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެމައްސަލާގައި ބުނެފައިވަނީ، މުހިންމު ތާރީހުތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު ދަޢުލަތުގެ ވަކީލުންގެ ހަނދާނުގައި ނުހުންނަ ކަމަށެވެ. ދައުލަތުގެ ފަރާތުން ވަކާލާތު ކުރުމަށް ސީދާ ޕީޖީ، ހުސެއިން ޝަމީމް ވަޑައިގަތުމަށް އާއިލާއިން އެދުނު ނަމަވެސް އެކަމަށް އުޒުރު ދައްކަވަމުން ގެންދަވާ ކަމަށް އޭޑީއެމުން ވަނީ ބުނެފައެވެ. އެގޮތުން ޕީޖީ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ އޮފީހުން ޒިންމާއިން ބަރީއަވެ ދަޢުލަތުގެ އެހެން މުއައްސަސާތަކަށް ޝަކުވާ އުފުލުމަށް ބުނެފައިވާކަން އޭޑީއެމުން ބުނެފައިވެއެވެ.

ސ. ފޭދޫ ޗަނބޭލީގޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 2:46 ގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ. އޭނާ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ  މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން