މޯލްޑިވްސް އެޑިޓާސް ގިލްޑްގެ ފުރަތަމަ ހިންގާ ކޮމިޓީ މިއަދު އިންތިޚާބު ކޮށްފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އިންތިހާބީ ޖަލްސާގައި އެޑިޓާސް ގިލްޑްގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވީ އަހުމަދު ޒާހިރު، ހިރިގާއެވެ. ހިރިގާ ޒާހިރަކީ ރާއްޖޭގެ މީޑިއާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެކެވެ. ހިރިގާ މަސައްކަތް ކުރެއްވި މީޑިއާ ތަކުގެ ތެރޭގައި ހަވީރު ނޫހާއި ސަން މީޑިއާ ގްރޫޕް ހިމެނެއެވެ.

އެޑިޓާސް ގިލްޑްގެ ނާއިބު ރައީސް ކަމަށް ދެބޭފުޅަކު އިންތިހާބުކޮށްފައި ވެއެވެ. ނާބްރައީސް އިދާރީގެ މަގާމަށް ހޮވިވަޑައިގެންނެވި ވަން އޮންލައިންގެ ސީއީއޯ ސިނާން ޢަލީ އެވެ. ނާއިބްރައީސް އެކަޑަމިކްގެ މަގާމަށް ހޮވިވަޑައިގެންނެވީ ދަ ޕްރެސްގެ އެޑިޓަރ އަލީ ސަންމާނެވެ.

މީގެއިތުރުން އެޑިޓާސް ގިލްޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޓްރެޝަރާގެ މަގާމާއި ރިޓަޔާޑް ދެ ނޫސްވެރިންގެ މަގާމަށްވެސް ބޭފުޅުން އިންތިޚާބުކޮށްފައި ވެއެވެ.

އެގޮތުން އެޑިޓާސް ގިލްޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގެންނެވީ މިހާރު ނޫހުގެ އިސްމާއީލް ނަސީރެވެ. ޓްރެޒަރާގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ރަސް އޮންލައިންގެ ޗީފް އެޑިޓަރ މިދުހަތު އާދަމެވެ.

ޖަމިއްޔާގެ ރިޓަޔާޑް ދެ ނޫސްވެރިންގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވީ ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަށްވައި އަދި ޕީއެސްއެމްގެ ފުރަތަމަ ބޯޑުގައި ހިމެނިވަޑައިގެން އެބޯޑުގެ ޗެާމަންގެ ގޮތުގައި މަސައްކަތް ކުރަށްވާފައިވާ އިބްރާހީމް އުމަރު މަނިކާއި ޕީއެސްއެމާއި ވީމީޑިއާގައި މަސައްކަތް ކުރަށްވާފައިވާ އިސްމާއިލް އާސިފް (މޮންދު) އެވެ.

އެޑިޓާސް ގިލްޑަކީ ރާއްޖޭގެ މީޑިއާގެދާއިރާގައި މަސައްކަތް ކުރަށްވާފައިވާ އަދި މިހާރު މަސައްކަތް ކުރަށްވާ ދުވަސްވީ ތަޖުރިބާކާރު އެޑިޓަރުންގެ މައްޗަށް އެކުލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޖަމިއްޔާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން