އެޗްއާރުސީއެމްގެ މެމްބަރުން
އެޗްއާރުސީއެމްގެ މެމްބަރުން
އަފްޣާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރާއްޖެ ނުގެނެވިވަނީ އެކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅުހެދުމުން ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޢަލީ ޝާފިޢުގެ މައްސަލައަކީ، 2019 ޑިސެންބަރު 12 ވަނަ ދުވަހު އެކޮމިޝަނަށް ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހެޅި، ތަހްގީގް ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން އެކިފަހަރުމަތިން އެކޮމިޝަނުން އާއިލާއާ ބައްދަލުކޮށްފައިވާ ކަމަށާއި، އެމައްސަލަ އެކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ވަރަށް އިސްކަމެއްދީގެން ކަމާގުޅޭ އެންމެހައި މުއައްސަސާތަކުގެ ސަމާލުކަމަށް އެމައްސަލަ ގެނެސް މައްސަލައާ ގުޅޭ މައުލޫމާތު ދިޔައީ ހޯދަމުން ކަމަށެވެ.

އެގޮތުން މައްސަލާގައި ހިމެނޭ ޝާފިއުއާއި އޭނާގެ އަންހެނުންނަކީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ތަހްގީގްކޮށް އެޤައުމުގެ ސުޕްރީމްކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަމަށާއި، އެމީހުންގެ ހަތަރު ދަރިންވެސް ތިބީ ޖަލުގައިކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. މީގެ ކުރިން ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުންވެސް އެއްބާރުލިން ދިން ކަމަށާއި، ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އެކުދިން ރާއްޖެ ގެނެވޭގޮތް ނުވިކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމުން ބުނީ، އެމައްސަލައާ ގުޅިގެން ލިބެމުންދާ މައުލޫމާތު އާއިލާއާ ވާނީ އެކިފަހަރުމަތިން ހިއްސާކޮށްފައި ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން އެކޮމިޝަނުން ވަނީ އަފްޣާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް އެ އާއިލާއަށް ޒިޔާރަތް ކުރުމަށް އެދިފައިކަމަށާއި، ކޮމިޝަނުގެ އެދުމުގެ މަތިން އަފްޣާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރާތްކޮށް ހާލަތު ބެލުމަށްފަހު ފާހަގަވިކަންކަން ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެެވެ. އެގޮތުން ޝާފިޢުގެ ދަރިން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަން އެކޮމިޝަނުން އަންގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޝާފިއުއާއި އޭނާގެ އަނބިމީހާއާއި ހަތަރު ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުމާއި ގުޅިގެން ޝާފިއުއާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާކަމުގެ މައުލޫމާތު ހާމަކޮށް، އެކަމުގެ ތަފްސީލްތައް 2019 ޑިސެންބަރު 03 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ފުލުހުން އާންމުކޮށްފައި ވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށާއި، ޝާފިއު އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ދިއުމަށް ފުރަން އުޅެނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން 2015ވަނަ އަހަރުގެ ފެބްރުއަރީ 09 ވަނަ ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ. ޝާފިއުއަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2015 ސެޕްޓެމްބަރު 30 ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ. މިގޮތުން ބ. ހިބަޅިދޫ ކައިރީ ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި ޝާފިއުގެ އަތުން ފެނުނު ނަމަވެސް އެމައްސަލައިގައި ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޝާފިއު ވަނީ ބަންދުން ދޫކޮށްލާފައެވެ.

އޭގެފަހުން 2018 ޖޫން 23 ވަނަ ދުވަހު ޝާފިއު ވަނީ އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާއިއެކު ބޭސްފަރުވާކުރުމަށް ސްރީލަންކާއަށް ގޮސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް އެތެރެވެފައެވެ. ޝާފިއު ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މަޢުލޫމާތު ފުލުހުނަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން އޭނާ ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބުނެވެ. އޭގެފަހުން 2018 ނޮވެމްބަރު 11 ވަނަ ދުވަހު ޝާފިއުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ވަނީ ހައްޔަރުކޮށްފައެވެ.

ޝާފިއުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އެމައްސަލަ ތަހްގީގުކޮށް، ޝަރީއަތް ހިންގުމަށްފަހު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން