މޭމަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ސާފުކުރަން ބޭނުންވި މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސުން ފޯރުކޮށްދީފައިނުވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަަވަމުން އެޗްއާރްސީއެމްގެ މެންބަރު މޫމިނާ ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޑިފެންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީތަކަށް ޖަވާބެއް ލިބިފައިނުވާކަމަށެވެ. އަދި އެކަމުގައި ހުރި ދަތިތައް ޑިފެންސް މިނިސްޓަރަށްވެސް ދަންނަވާފައިވާނެކަމަށް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.

އެޗްއާރުސީއެމުން ބުނީ ޑިފެންސް މިނިސްްޓްރީން މައުލޫމާތު ނުލިބޭތީ މި ހަފްތާގައި ބައްދަލުވުމަކަށް އެދޭނެ ކަމަށާއި ކޮމިޝަނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރިކަން އެނގޭނީ އެކަމެއްވެސް މިނިސްޓްރީން ހިއްސާކުރުމުންކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހޯދުމުގައި ކާމިޔާބު ނުވެއްޖެނަމަ މައުލޫމާތު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ގާނޫނުގެ ތެރެއިން ކުރިއަށް ގެންދާނެކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ އިދާރާއިންވެސް މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަަލައަކަށްވާތީ ކޮމިޝަނަށް އެންމެ ބޭނުންވި މިިންވަރަށް މައުލޫމާތު ލިބިފައިނުވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

އެޗްއާރުސީއެމަށް މައުލޫމާތު ދިނުމަށް ޑިފެންސުން ދެކޮޅު ހަދަމުންދާއިރު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށްވެސް ވަކި ވަކި ސިފައިން ހާޒިރުކުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން