ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު ޝަމީމް
ނިޒާމް ރަނގަޅަށް ޓެސްޓް ނުކޮށް ގާނޫނު ބަދަލުކޮށްގެން ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު ޝަމީމް ވިދާޅުވީ، ގާނޫނުތައް ހަދަންޖެހޭނީ ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ގާނޫނު ބަދަލުކުރުމަކީ ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. ގާނޫނަށް ބަދަލު ގެންނައިރު މިފަހުން ކޯޓުތަކުން ގާނޫނުތައް މާނަކޮށް ނިންމުންތަކެއް ނިއްމައިފައިވާ ކަމަށާއި، ގާނޫނަށް ބަދަލު ގެންނަންޖެހޭނީ އެ ނިއްމުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމުގައި ޝަމީމް ވިދާޅުވިއެވެ.

"ފުރަތަމަ ކުރަންވީ ކަމަކީ އެ ގާނޫނު ތަންފީޒުކުރާ ގޮތް ބަލަންވީ. ކްރިމިނަލް ކޯޓުން ހައިކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ގާނޫނުގައިވާ މާއްދާތައް މާނަކުރާ ގޮތް ބަލަންވީ. ބަލާފައި ދެން އޭގައި ގޯހެއް އުޅޭނަމަ ގާނޫނު ބަދަލުކުރަންވާނީ. މިސާލަކަށް ޓެރަރިޒަމް ގާނޫނުގެ ވާހަަކަ ދައްްކާއިރު އަޅުގަނޑު ހިތްހަމަޖެހޭ ވަަރަށް ކްރިމިނަލް ކޯޓަކުން އެމައްސަލަތަކެއް ނުއެއް ނިމޭ. ނިމިގެން ޓެސްޓެއް ނުކުރެވޭ. ކިހިނެއްތޯ މި ނިޒާމް ހިގަނީ، ރަނގަޅު ބަދަލެއްތޯ މި ގެނެވުނީ؟" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ ގާނޫނެއް ހަދާނަމަ އެއީ ރަނގަޅަށް ތަންފީޒު ކުރެވޭ ގާނޫނަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން ގޭންގް ކުށްތަކާއި ބެހޭ ގާނޫނެއް 2010 ގައި ފާސްކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން މިހާތަނަށް ދައުވާ ކޮށްފައިވަނީ އެންމެ މީހެއްގެ މައްޗަށް ކަމަށާއި، އޭގެ ޒާތުގައި އެއީ ރަނގަޅު ގާނޫނެއް ނޫން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަކީ ރަނގަޅު ގާނޫނެއް ކަމަށާއި، އެ ގާނޫނު އަސްލު މާނަ ކުރުމަށް ލިބުނީ މިދިޔަ އަަހަރު އެކަނި ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރޭވޭ ޖިންސީ ކުށުގެ ގާނޫނުގައިވާ މާއްދާތަކަށް ކޯޓުން ދެއްވާފައިވާ މާނަކުރުންތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް. މި ގާނޫނަކީ ދިރިހުރި އެއްޗެއް. އެއަށް ދިރުން މިދެނީ ޕްރެޓިކްސް ތެރެއިން. އެކަން ކޮށްފައޭ ގާނޫނު ބަދަލު ކުރަންޏާ ބަދަލުކުރަންވާނީ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން