އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ހޯއްދެވުމަށް ކެމްޕޭން ކުރެއްވުމަށާއި އެ އިންތިޚާބުގެ ވޯޓަށް ރާއްޖެއިން ބޭރުގައި ދެ މަހެއްހާ ދުވަހު އުޅުއްވުމަށްފަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ޝާހިދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދުއެވެ.

މިސަރުކާރުގެ ޚާރިޖީވަޒީރަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް އެންމެ ގިނަ ދަތުރު ކުރަށްވާފައިވާ ޚާރިޖީ ވަޒީރަށް ވާނެއެވެ. ޚާރިޖީ ވަޒީރު ވިދާޅުވަނީ މިދަތުރު ތަކުގެ ސަބަބުން ގައުމަށް ގިނަގުނަ އެހީތައް ހޯދިފައިވާ ކަމަށެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް ބެލެވޭއިރު، މިއަހަރުގެ މިހާތަނަށް އަދި ރަހުމަތްތެރި ގައުމަކުން ވެސް އަދި މާލީ އިދާރާއަކުން ވެސް މާބޮޑު އެހީތެރިކަމެއް ލިބިފައި ވާ ކަމަކަށް މާލީ އިދާރާގެ ހިސާބުތަކަކުން ނުދައްކައެވެ.



ޝާހިދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ މިިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ. ޝާހީދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ކަނޑައެޅުމަށް ބޭއްވި އިންތިހާބުގެ ކެމްޕެއިން ކުރަށްވާ އެ ގޮނޑި ހޯއްދަވަން މަސައްކަތް ކުރެއްވުމެވެ. އެއަށްފަހު މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބު ޝާހިދު ވަނީ ކާމިޔާބު ކުރަށްވައި، އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފައެވެ. މިއީ ރާއްޖޭޭގެ ތާރީހުގައިވެސް އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން