ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިރޭ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ކަަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަޤާމުގެ ޝަރުޠު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 2 އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަޤާމުގެ ޝަރުޠު ހަމަވާނެއެވެ.

އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ. ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ ތަޖުރިބާގެ، "އެޑްމިނިސްޓްރޭޝަން" އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާނަމަ އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، އެޑްމިނިސްޓްރޭޝަން މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުން ފަދަ ކަންތައްތައް ހިމެނޭނެ ކަމަށް ކޮމިޝަނުން ހާމަކޮށްފައި ވެއެވެ. އަދި، މެނޭޖްމަންޓާގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވުމުގެ ޒިންމާއާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ޙަވާލުވެ ހުންނަ މުއްދަތުތައް ބަލާނެކަމުގައި ވެސް ކޮމިޝަނުން އާންމުކޮށްފައިވެއެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު ޖުމުލަ -/35500 ރުފިޔާ ލިބެއެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު ޖުމުލަ -/21000 ރުފިޔާ ލިބެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު ޖުމުލަ -/16100 ރުފިޔާ ލިބެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން މަޤާގާމަށް އެދުމަށާއި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ކޮމިޝަނުން ޢާންމުކޮށްފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން، މަޤާމަށް މީހަކު އައްޔަންކުރެވޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ ލަފާގެ މަތިން ކަމުގައި ވެސް ކޮމިޝަނުން ޢާންމުކުރި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން