ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ގައުމު މެނޭޖްކުރައްވަނީ ރަނގަޅަށް ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ރައީސް ޞާލިޙަށް ތައުރީފް ކުރައްވައިފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާ އަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރު އޭނާއަށް ގޯސް ނޫންކަމަށެވެ. އެހެން ގައުމުތަކާއި އަޅާބަލާއިރު ރައީސް ޞާލިހު ގައުމު މެނޭޖްކުރައްވަމުން ގެންދަވަނީ މާ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިޔާމް ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައިވެސް ރާއްޖެއިން ނަގާފައިވާ ހުރިހާ ލޯންތަކެއްވެސް ރައީސް ސޯލިހް ދައްކަވަމުންދާ ކަމަށެވެ.

"މިސަރުކާރު ހަމަ ރަނގަޅު ގޯހެއް ނޫން މި ސަރުކާރެއް. އެއީ ދުނިޔޭގެ އެހެން ގައުމުތައް މެނޭޖް ކުރުމުގެ ބައްޓަމަށް ބަލާއިރު މިގައުމު ރައީސް މެނޭޖްކުރައްވާލެެއް ރަނގަޅު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އެ ކުރައްވަނީ ވަރަށް ރަނގަޅު ބުރަ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވާ މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެނީ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސް ސޯލިހަކީ މީހުންނާއި ދޭތެރޭ މުއާމަލާތް ކުރެއްވުމުގައިވެސް ވަރަށް ރަނގަޅަށް މުއާމަލާތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ރައީސް ސޯލިހަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އަދި 20 އަހަރު ދުވަހު އެކީގައި މަަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ރައީސް ސޯލިހަކީ އަޚުލާގީ ގޮތުންވެސް ރަނގަޅު ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ވަރަށް ކަމުދާ ބޭފުޅެއް ކަމަށް ސަން ސިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެމްޑީޕީ ދެބައިވާންޖެހިއްޖެނަމަ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއާއެކު ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 25 އިންސައްތަ ހިއްސާ ދިނުމަށް ހުށައެޅި ކަމަށެވެ. ސަރުކާރުގެ ހިއްސާ ހުށަހެޅުއްވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި، އެގްރީމެންޓުތައް މިވަގުތުވެސް އަތްޕުޅުގައި އެބައޮތް ކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގައި ހިއްސާވާން ހުށަހެޅި ހުށަހެޅުން ގަބޫލުކުރައްވާފައި ނުވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް ޖާގަނުދިނުން ފަދަ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ސިޔާމު ވިދާޅުވިއެވެ. އަދި އަމިއްލަ އެއްވެސް ކަމެއް ރައީސް ސޯލިހަށް ހުށަހަޅުއްވާފައި ނުވާނެކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން