ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު، އަހުމަދުބެ އަވަހާރަވެއްޖެއެވެ.

ރައީސްގެ ކޮއްކޯފުޅު އަހުމަދުބެ ދުބާއީގައި އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. އަހުމަދަކީ ރައީސްގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެެވެ. އަހުމަދުބެއަކީ ލޯފަން ބޭފުޅެކެވެ. އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ކުރެއްވޭ ގޮތެެއް ނުވިއެެވެ. އަހުމަދުބެއަކީ ވަރަށް ހިތްޕުޅުހެޔޮ އެންމެންނާވެސް ވަރަށްގުޅޭ ގިނަބައެއްގެ ލޮތްބާއި ގަދަރު ލިބިވަޑައިގެންފައިވާ ވަރަށް ސަކަ މިޒާޖެއްގެ ބޭފުޅެކެވެ.

ޅ. ހިންނަވަރަށް އުފަންވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވައެެވެ. އެމަނިކުފާނުގެ އާއިލާގެ ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. ރައީސްގެ އާއިލާގައި ތިން ހާފިޒުން ތިއްބަވާއިރު އެ ހުރިހާ ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުން ކަން ފާހަގަކޮށްލެވެއެވެ. އެއީ މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އަބްދުﷲ ޝާޒްލީ އަދި ހުސެއިން ޝަޔާޒެވެ. މީގެ ތެރެއިން މޫސައަކީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ކުރައްވާ ބޭފުޅެކެެވެ.

ރައީސް ސޯލިހްގެ ކޮއްކޯފުޅު އަވަހާރަވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ. ރައީސް ސޯލިހުގެ އާއިލާއަށް ދިމާވި ހިތާމައިގައި "ރަސްއޮންލައިން" އިން ބައިވެރިވެ އެމަނިކުފާނާއި އާއިލާއަށް ތައުޒިޔާ ފޮނުވައެވެ. މާތް ﷲ އަހުމަދުބެގެ ފުރާނައަށް ހެއު ރަހުމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން