ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ، އޮންލައިންކޮށް ވާއްވާ ޝަރީޢަތުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވާނެކަން ޔަޤީންވެއްޖެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށްކޮށް، އެމައްސަލަތަކުގައި ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެެވެ. އަދި އޭނާ ރާއްޖޭގައި ނެތުމުން ޝަރީއަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މީގެކުރިން އަލީ ވަހީދު ވަނީ އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެކަމުގައި އޮތީ ގޮތެއް ނުނިންމައެވެ.

ރަސް އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުފަހު 3:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބާއްވާ އަޑުއެހުމުގައި އަލީ ވަޙީދު އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށްކަމަށް މައުލޫމާތު ލިިބިފައިވެއެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޖީ ޝަމީމް ވިދާޅުވީ ވަރަށް ހާއްސަ ހާލަތްތަކުގައި މެނުވީ، ދައުވާ ލިބޭ މީހާއާ ޕީޖީ އޮފީހުން ސީދާ މުއާމަލާތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ސެކްޝަނުން އަލީ ވަހީދުއާ މުއާމަލާތްތަކެއް ކުރާކަން އެނގިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އޭނާ ބޭސްފަރުވާއަށް ފުރުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ވަނީ ޖާމިނުވެފައެވެ. ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ވަނީ މިހާރު ހަމަވެފައެވެ. އަދި އެމައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މީގެކުރިން ބުނެފައިވަނީ އަލީ ފިއްލަވައިގެން އުޅުއްވާ ތަނެއް ނޭނގޭ ކަމަށެވެ. އެކަމަކު އޭނާ މިއަދު ޝަރީޢަތުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން