ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް ހިނގިކަން އެނގިވަޑައިގެންނެވީވެސް އެމަނިކުފާނުގެ ވެރިކަން ނިމުނުފަހުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް، ސަން ސިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑީޔާއަކުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވީ ،އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް ހިނގިކަން އެނގިވަޑައިގެންނެވީ ރައީސް ޔާމިން ވެރިކަން ނިމުނުފަހުން ކަމަށެވެ. އަދި ރައީސް ޔާމިނާއި އަހުމަދު އަދީބުވެސް ކޮރަޕްޝަންގެ ވާހަކައެއް ދައްކަވާފައިނުވާ ކަމަށާއި އެއީ އޭނާއަކީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅު ބޭފުޅެެއްކަން އެނގިވަޑައިގަންނަވާތީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް މިހެން ވިދާޅުވި ނަމަވެސް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި، 1،117،000 ޑޮލަރު ހޯދައި، ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅައި އެމައްސަލައިގެ ޝަރީއަތްތައް މިހާރު ވަނީ ފަށާފައެވެ. އެ މައްސަލައިގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ.

އެމައްސަލައާއި ގުޅިގެން ސިޔާމް ވިދާޅުވީ، އެއީ ޑޮލަރު މާރުކުރުމަށް ހިންގާފައިވާ މުއާމަލާތެއް ކަމަށާއި، އެއްވެސް ޗެކެއްގައި ސޮއިކުރައްވާފައިިނުވާނެ ކަމަށެވެ. އަދި ކުންފުނިން ހިންގާފައިވަނީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމާލަތެއް ކަމަށާއި، އެއީ މަނީލޯންޑަރިންގެ އަމަލެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ބަޔަކު މީހުން ޑޮލަރު މާރުކުރަން ޗެކެއް ގެނެސްފި ކަމަށް ވައްޏާ ޑޮލަރު މާރުކުރާނެ، އެތަނުން ވެސް ކުރާނެ އެހެންވީމަ އެގޮތަށް ޑޮލަރު މާރުކުރުމުގެ ގޮތުން ތި ބުނާ މީހަކު ގެނެސްފައިވާ ޗެކެއް މާރުކުރީ. ޑޮލަރު މާރުކުރަން ތިބުނާ މީހާ ގެނެސްފައި ހުރީ ޑޮލަރު މާރުކުރަން ގެނައި ފައިސާ، ޑޮލަރު މާރުކޮށްފައި އެމީހަކަށް ދީފައިވެސް އޮތީ. ކްރިކީލަ ރިޒާ ކިޔާ މީހަކަށް އެލާރި އެބަހުރި ލިޔެކިޔުމުން ދީފައި. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި އެއީ މަނީލޯންޑަރ ކުރުމެއް ނޫން، ޔާމިންގެ ފައިސާ އަކީ ޔާމިން އެދިގެން ޑޮލަރު އެކްސްޗޭންޖް ކޮށްފައި އޮތް އެއްޗެއް." ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަަވަމުން ސިޔާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ސަރުކާރަށް ހޯދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެފައިސާ މިހާރު ހުންނާނީ ބޭނުންކޮށްފައި ކަމަށެވެ. އަދި ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރި ނަމަވެސް ފައިސާ ނުހޯދޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ވަރަށް ގިނަ ފައިސާގެ ވާހަަކަ ތި ދައްކަނީ އެތަށް ބިލިއަން ރުފިޔާގެ ވާހަކަ ދިވެހި ދައުލަތުގެ ރައްޔިތުންގެ ފައިސާގެ ވާހަކަ ތި ދައްކަވަނީ. އެފައިސާ މިހާރު ގޮސްފައި ހުރި ހިސާބަކީ ކޮބައިތޯ ބަލައި ތިހުރިހާ އެއްޗެއް ބަލަނީ ކިހިނެތްތޯ؟ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ތިޔަ ފައިސާ ހޯދޭނެ ކަމަކަށް. މައްސަލަތަކެއް ޖެއްސިދާނެ، އެކަމު ކޮންތާކުންތޯ ފައިސާ ހޯދާނީ، މީހުން ބަންދުވެސް ކުރެވިދާނެ އެކަމު ފައިސާ ހޯދާނީ ކިހިނެތްތޯ؟ އެބޭފުޅުން ފައިސާ ހަރަދުކޮށްފައި ނޫންތޯ ހުންނާނީ. މިފައިސާ އަށް ވީގޮތް އެބައެގޭ. ޚިޔާނާތުގެ މޭސްތިރިޔަކަށް ހުރި ބޭފުޅާ އެބަ ވިދާޅުވޭ ތިމަންނާ ފައިސާ ދިނީ އެވެނިމިވެނި މީހަކަށޭ, އެބޭފުޅާ އެ ވިދާޅުވަނީ. އެއީ ހަމައެކަނި ހެތްކަކީވެސް." ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން