ލޯކަލް ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފުކަމަށްވާ، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ ބާރު ކައުންސިލްތަކުން އަތުލުމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ސަރުކާރުގެ ފަރާތުން މިއިސްލާހު ލާމަރުކަޒީ ޤާނޫނާއި ސިވިލް ސަރވިސް ޤާނޫނަށް ހުށަހަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

ޤާނޫނުތައް މިހާރު އޮންނަ ގޮތުން ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ހުންނަ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރާނީ ކައުންސިލުގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ސައީދު ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި މިކަން ކުރާގޮތަށް ޤާނޫނުތައް އިސްލާހު ކުރުމަށެވެ. ސައީދު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ގާނޫނަށް މިއިސްލާހު ގެންނަން ނިންމީ ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑުގޮތެއްގައި ހުޅުވާލައި އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ.

މި ބިލު އަނބުރާ ގެންދިޔަކަން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއުލާންކޮށްފައެވެ. މިބިލު އަނބުރާ ގެންދިއުމަށް ނިންމީ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުން މިބިލާއި ދެކޮޅަށް އަޑު އުފުލަން ފެށުމުންނެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ކައުންސިލްތަކުގެ ހިންގުމުގެ ދާއިރާގެ ތެރެއަށް އިތުރު ބަޔަކު ވަނުމަކީ ކައުންސިލްތަކުގެ އިހުތިސާސަށް އަރައިގަތުމެވެ. މީގެއިތުރުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ ބާރަކީ ކައުންސިލްތަކަށް އެކަނި އޮންނަންޖެހޭ ބާރެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން