މަސައްކަތާއި ނުގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ސާފު ނުކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ކޮވިޑް-19 އިގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުން ހޯދުމަށް ފުލުހުން ބައެއް މީހުންނާ ސުވާލު ކުރާއިރު އެވަގުތު ހޯދަން ނުޖެހޭ ޒާތީ ބައެއް މައުލޫމާތު ބައެއް ފުލުހުން ހޯދަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.

ފުލުހުންގެ އިދާރާއިން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ކޮވިޑް ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް، އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ ލޮކްޑައުންގައި ފުލުހުން ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މަގުމަތިން ބައެެއް މީހުން ހުއްޓުވައި ސުވާލުކުރަމުންނެވެ. އެގޮތުން ފުލުހުންގެ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮޅުންފިލުވަފާނެ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެ އެވެ. އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި ފޯނަށް އެސްއެމްއެސްއެއް ފޮނުވުމަށް ފޯނު ނަންބަރު އަހާފާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ކަމާއި ނުގުޅޭ މައުލޫމާތެއް ސާފުކުރަން އިތުރު ސުވާލުކުރާނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލޮކްޑައުންގެ ތެރޭގައި މަގުމަތީގައި ޗެކްޕޯސްޓްތައް ބަހައްޓައިގެން ގަވާއިދާ ހިލާފަށް މަގުމައްޗަށް ނިކުމެ އުޅޭ މީހުން ހޯދައި، ޖޫރިމަނާކޮށް ފުލުހުން ގެންދަނީ އެޗްޕީއޭގެ ގައިޑްލައިން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ފިޔަވަޅުތަށް ތަންފީޒު ކުރުމަށް ސިފައިންވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން