މުސްލިމުންނަށް ނޭކަށޭނަ ނަންދިނުމަކީ ގޯހެއްކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓި ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން އިބްރާހިމް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ލާދީނީ ގޮވުން ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ގެންނަން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރަށްވާފައިވާ އަމީން ވިދާޅުވީ ‏ފިތުނައަކުން ސަލާމަތްވާން މާބޮޑު ފިތުނައެއްގެ ތެރެއަށް ބަޔަކު ވައްޓާލުމަކީ ބުއްދިވެރިއަކު ކުރާނެ ކަމެއް ނޫންކަމަށެވެ. އަދި މުސްލިމުންނަށް ނޭކަށޭނަ ނަންދިނުމަކީ ގޯހެއްކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް އެކަން ހުއްޓުވާށޭ ބުނެ ދީނަށް ފުރައްސާރަކޮށް ދީނީ އަގީދާ ބަލިކަށިކުރަން ދޮރުހުޅުވުމަކީ އަދިމާބޮޑު ގޯހެއްކަމަށާއި، އެއީ ނުނިވޭނެ އަލިފާނެއްކަމަށް އަމީން ވިދާޅުވިއެވެ.



ރާއްޖޭގައި ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބިލު އަނބުރާ ގެންދިއުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، ކައުންސިލްތަކާއި ދީނީ އިލްމުވެރިން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އައިއިރު މިކަމަށް އިޖާބަ ދީފައެއް ނުވެއެވެ. އަދި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެ ބިލަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށާފައެވެ.

ބިލާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ވެސް ވަނީ އެބިލާއި ދެކޮޅު ގިނަ ބަޔަކު ތިބިކަން ހާމަކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އެޕެޓިޝަނުގައި ގިނަ ބައަކު އަންނަނީ ސޮއިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން