ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ރަހީނުކޮށް މަރާލި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭވަރުގެ ކަމެއްކަމަށެވެ. މިނިސްޓަރު ވަނީ އެކުއްޖާގެ ފުރާނަަށް ހެއު ރަހުމަތް ލެއްވުން އެދި ދުއާކުރައްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެއިތުރުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރަހީނުކޮށް މަރާލައި އެއްލާލައިފައި އޮތް އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ. އެކުއްޖާ ފެނުނީ އާއިލާއިން ކުއްޖާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ހޯދަމުންދަނިކޮށް ރޭ މެންދަމުން އަލިވެ 2:30 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެންކުއްޖަކާ އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުން ހައްޔަރު ކުރީ މާލެއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން