ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނީ "ނަފުރަތުގެ ޢަމަލުތައް ހުއްޓުވުން" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރައުޔު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅުއްވާފައިވާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެބިލާމެދު އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުވުމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށް އެބިލު ފާސްވެގެން އަންނައިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވުނުކަމަށެވެ.

އެމަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންކަމަށް ބަޔާނުގައިވެއެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ދިނުމާއި، ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށެވެ.

މިނިސްޓްރީގެ ބަޔާނުގައި މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ބުނެފައި ވެއެވެ. މީގެއިތުރުން އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއްގައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް ހިންގާ ސުލްޙަވެރި ހަރަކާތްތަކަކީ ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށްވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދައާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަން ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ އެއްވެސްޢަމަލަކީ މި މިނިސްޓްރީން ބަލައިގަނެ ތަރުހީބުދޭނޭ ކަންކަމެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމްދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކޮށް، ޤާނޫނަކަށް ވުމުގެކުރިން ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީގެ ރައުޔު އޮޅުންފިލުވުމަކީ އެ މަޖިލީހުން ކުރި ރަނގަޅު

ކަމެއްކަމުގައެވެ. އަދި މި ބިލު ޤާނޫނަކަށް ވެގެން އަންނައިރު ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ހިޔާލަށް ބިނާކޮށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނާނެކަމަށް ޔަޤީންކުރާކަމަށްވެސް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ހަސަނު

24-Jun-2021

ދީނާ ގުޅުވައިގެން އަދި ދީނުގެ ހުކުމްތަކާއި ދެކޮޅަށް ތިމާ ހިތުހުރިގޮތަކަށް ވާހަކައެއް ދެއްކުމާއި ދީނީ ކަންކަމަކީ ބޯދާ އަދި ބާތިލް ކަންތަކެއްކަމަށް ސިފަކޮށް ދީނަށް ފުރައްސާރަކުރުމަކީވެސް އިސްލާމްދީނުގައި މަނާ އަދި ބޮޑެތި އަދަބު ހައްގުވާކަމެއް.



ޓްރެންޑިން