ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތްވެސް ކުރިއަށް ގެންދަންޖެހޭނީ ‏"ރިހާކުރުފުޅި ވަގަށް ނެގިމީހާ"ގެ ޝަރީޢަތްވެސް ކުރިއަށް ގެންދިޔަ ގޮތަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުން، އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށްގެންގޮސްފައި ވަނިކޮށެވެ. ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުން ސިއްރުކޮށްގެން ކުރިއަށްގެންދިއުމުން، އަޑުއެހުމުގައި ދެއްކި ވާހަކަތަކުގެ ތަފްސީލެއް ނުވަތަ ވީނުވީއެއް މީޑިއާއަކަށް ނޭނގެއެވެ.

ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވަނީ ނުސީދާކޮށް، ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ މޮޅު މީހާއާއި ދެރަމީހާވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަވާ އުސޫލުން ކަމަށް ދޭހަވާގޮތަށް އެ ޝަރީއަތަށް އިޝާރާތްކުރައްވައި، ވާހަކަ ދައްކަވާފައެވެ. ޕީޖީ ޝަމީމުގެ ވާހަކައިގައި އެ މިސާލު ޖައްސަވަނީ ރިހާކުރު ފުޅި ވަގަށްނަގާ މީހާ ވަގުތުން ބަންދުކޮށް ތަހުގީގުކޮށް ޝަރީއަތްކޮށް ބޮޑެތި އަދަބުތައް ދިނުމަށް ހުކުމް އިއްވަމުންދާއިރު ބޮޑެތި ވައްކަންތަކާއި ޚިޔާނާތާއި އެހެނިހެން ވެސް ބޮޑެތި ކުށްތައް ކުރާ ސިޔާސީ މީހުންނާއި މަޝްހޫރު ބޮޑުންގެ ޝަރީޢަތްތައް އެބީދައިން ހަމަހަމަ ކަމާއެކު ކުރެވެމުންނުދާތީ ގިނަ ބަޔަކު ފާޑުކިޔަމުންދާ ވާހަކައަށް ކަމަށް ބެލެވެއެވެ.

ޝަމީމު ވިދާޅުވީ ‏"ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒިރުކޮށް ޝަރީޢަތް ކޮށްފައި، އެހެން މީހަކު ވީމާ، ރާއްޖޭގެ އިޚްޠިޞާޞް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށް ޝަރީޢަތް ކުރުން ރަނގަޅު ނޫންކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނާ ހަމައެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށްދާއިރު، އަލީ ވަހީދު ޝަރީއަތްތަކުގައި ބައިވެރިވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށެވެ. އަނެއްކޮޅުން މިއީ ޖިނާއި ކުށެއްގެ ޝަރީއަތުގެ އަޑުއެހުމެއް މިފަދަ ގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.

"ރަސްއޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ ޝަރީއަތް، އޭނާ ރާއްޖެއިން ބޭރުގައި ހުރެގެން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމުމާއި ގުޅިގެން ޕީޖީން ދަނީ އެ ނިންމުން އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން