ރަހީނު ކުރުމަށް ފަހު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަަމަށެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުޑަކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. މިމައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް ބަޝީރު ވިދާޅުވިއެެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަަކަ ދައްކަވަމުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބުދު ﷲ ރަޝީދު ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު އާންމު ފަރާތަކުން ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތާއެކު ފުލުހުން އިތުރަށް ބެލި ބެލުމުން، 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައްސަލައާއި ގުޅިގެން އިތުރަށް ހެކި ހޯދަމުން އަންނަ މިދަނޑިވަޅުގައި އާއްމު ރައްޔިތުންނަށް މި ހާދިސާއާއި ގުޅޭ މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް އަބްދުﷲ ރަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ފުލުހުންގެ އިލްތިމާސަކީ މި މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ދިވެހި ފުލުހުންގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އަށް ގުޅައިގެން ހިއްސާ ކުރެއްވުން." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން