ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި އަވަގުރާނަގޮވައި ތަޅާފޮޅައި ދެމީހަކު މާރާމާރީ ހިންގައިފިއެވެ.

މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތުގަ އެވެ. މިސްކިތުގައި އަވަގުރާނަ ގޮވައި މާރާމާރީ ހިންގާފައިވަނީ ޖަމާއަތުގައި ނަމާދު ނުކުރި ކަމަށް ބުނެ އެެވެ.

ހުޅުމާލޭގެ މިސްކިތުގައި ހިނގި މިހާދިސާގެ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި މިހާރު ވަނީ ދައުރުވާން ފަށާފައެވެ. މާރާމާރީ ހިންގި މީހާ ބުނަނީ ޖަމާއަތުގައި ނަމާދު ނުކުރާނަމަ ސުވަރުގެ ނުދާނެ ކަމަށެވެ. ވީޑިއޯއިން ފެންނަގޮތުގައި މިސްކިތުގައި އަޑުގަދަކުރި މީހާގެ ބޮލުގައި މިސްކިތުގައި ހުރި މީހަކު އަތުން ޖަހާތަން ފެނެއެވެ. އެއާއެކު އަޑުގަދަ ކުރި މީހާ މިސްކިތުގެ ތެރޭގައި އަވަގުރާނަ ގޮވައި މިސްކިތުގައި ހުރި މީހެއްގެ ގައިގައި ކޮޅުފައިން ދެތިން ފަހަރަކު ޖަހައި މިސްކިތުން ބޭރުކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މީގެ އިތުރުން ހަމަނުޖެހުން ހިންގި މީހާ ކުފުރުގެ ވާހަކަތަކެއް ވެސް ދައްކައެވެ. ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިސްކިތަށް ފުލުހުން ދިޔައެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިސްކިތަކަށް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫ ކުރި މީހަކަށް، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް މިރޭ 6:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމާރާމާރީއާއި ގުޅިގެން އެކަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެެ.

މިހާދިސާ ހިނގާފައިވަނީ މިސްކިތުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނިދާ ހަދާތީ ޚާއްސަ ސަމާލު ކަމެއް ދީގެން މިސްކިތްތަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން