ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި 2400 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ޚިދުމަތްކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މިހެން ވިދާޅުވީ ކޯވިޑްގެ ޙާލަތާއި ގުޅިގެން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ޙައިތަމް ކުރެއްވި ސުވާލަށް ފޮނުއްވި ޖަވާބުގައެވެ.

މެމްބަރުންގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގައި ކޯވިޑާއި ގުޅުންހުރި އާންމު ފަރުވާތައް ދިނުމުގައި 2460 އެހީތެރިން ހަރަކާތްތެރިވަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ފަރުވާ ދިނުމަށް މިހާރު ހުރި އެންމެ ބޮޑު ފެސިލިޓީކަމަށްވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 265 އެނދު އެބަހުރިކަމަށެވެ. އަދި އެ ފެސިލިޓީގައި 39 މެޑިކަލް ޑޮކްޓަރުންނާއި 122 ނަރުހުންނާއި ނަރުސްކަން ކިޔަވާ 142 ދަރިވަރުންގެ އިތުރުން ބައެއް ސްޕެޝަލައިޒްޑް ފިޒިޝަނުންނާއި ސަޕޯޓް ސްޓާފުން އަދި އިދާރީ މުޢައްޒަފުން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެ ފެސިލިޓީގައި 17 އެނދުގެ ވެންޓިލޭޓަރ ފެސިލިޓީއެއް ހުންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާއިރު، ކޯވިޑް ވޯޑާއި އައިސިޔޫގައި 28 އެނދު ހުންނައިރު، 11 ވެންޓިލޭޓަރ އެނދު ހިމެނެއެވެ. ސިއްޙީ އެހީތެރިން ހިމެނޭހެން ކޮވިޑް މަސައްކަތްތަކުގައި 91 މުވައްޒަފުން އެތަނުގައި ހަރަކާތްތެރިވެއެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި 85 އެނދު ހުންނައިރު، 5 އެނދަކީ ވެންޓިލޭޓަރު އެނދުތަކެވެ. އެ ހޮސްޕިޓަލްގައި 262 މުވައްޒަފުން މަސައްކަތްކުރެއެވެ.

އަތޮޅުތަކުގައި ހުރި ފެސިލިޓީތަކަށް ބަލާއިރު ފުވައްމުލައް ސިޓީގައި 3 އައިސީޔޫ އެނދާ 2 ވެންޓިލޭޓަރު، ބ.އަތޮޅު ހޮސްޕިޓަލްގައި އައިސީޔޫއާ އައިސޮލޭޝަންގެ 45 އެނދު އަދި 3 ވެންޓިލޭޓަރު، ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި 27 އެނދާ 3 ވެންޓިލޭޓަރު، ހއ.އިހަވަންދޫ ފެސިލިޓީގައި 3 އެނދާ 1 ވެންޓިލޭޓަރު، ގއ.ވިލިނގިލީ ފެސިލިޓީގައި 38 އެނދާ 23 ވެންޓިލޭޓަރު، ގދ.ކޮވިޑް ފެސިލިޓީގައި 21 އެނދާ 6 ވެންޓިލޭޓަރު، އައްޑޫ ފެސިލިޓީގައި 35 އެނދާ 3 ވެންޓިލޭޓު އެބަހުއްޓެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެއްޖެނަމަ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ 40 އިންސައްތަ މުވައްޒަފުން ހާއްސަ ކުރާނީ ކޯވިޑްގެ މަސައްކަތަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން