މިސްކިތްތަކުގެ މަތިވެރިކަން މީސްތަކުންނަށް ބަޔާންކޮށްދޭންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި ބަޔަކު ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، މާރާމާރީ ހިންގި މައްސަލައެއްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް، ހުތުބާއެއް ތައްޔާރުކުރަންޖެހޭކަމަށެވެ. މިނިސްޓްރީގެ ދީނީ ހުރިހާ ޕްރޮގްރާމްއެއްގައި މިސްކިތްތަކުގެ މަތިވެރިކަމާއިބެހޭ ގޮތުން އަލި އަޅުވައި މައުލޫމާތު ގެނެސް ދޭންޖެހޭކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.



ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި އަވަގުރާނަގޮވައި ދެމީހަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ވަނީ ރޭ ރިޕޯޓްކޮށްފައެވެ.

މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތުގައެވެ. މިސްކިތުގައި އަވަގުރާނަ ގޮވައި މާރާމާރީ ހިންގާފައިވަނީ ޖަމާއަތުގައި ނަމާދު ނުކުރިކަމަށް ބުނެއެެވެ.

ހުޅުމާލޭގެ މިސްކިތުގައި ހިނގި މިހާދިސާގެ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ. މާރާމާރީ ހިންގި މީހާ ބުނަނީ ޖަމާއަތުގައި ނަމާދު ނުކުރާނަމަ ސުވަރުގެ ނުދާނެ ކަމަށެވެ. ވީޑިއޯއިން ފެންނަގޮތުގައި މިސްކިތުގައި އަޑުގަދަކުރި މީހާގެ ބޮލުގައި މިސްކިތުގައި ހުރި މީހަކު އަތުން ޖަހާތަން ފެނެއެވެ. އެއާއެކު އަޑުގަދަ ކުރި މީހާ މިސްކިތުގެ ތެރޭގައި އަވަގުރާނަ ގޮވައި މިސްކިތުގައި ހުރި މީހެއްގެ ގައިގައި ކޮޅުފައިން ދެތިން ފަހަރަކު ޖަހައި މިސްކިތުން ބޭރުކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މީގެ އިތުރުން ހަމަނުޖެހުން ހިންގި މީހާ ކުފުރުގެ ވާހަކަތަކެއް ވެސް ދައްކައެވެ. ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިސްކިތަށް ފުލުހުން ދިޔައެވެ.

މިހާދިސާ ހިނގާފައިވަނީ މިސްކިތުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނިދާހަދާތީ ޚާއްސަ ސަމާލު ކަމެއް ދީގެން މިސްކިތްތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މީގެކުރިންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި ވަހަކަ ދައްކަވާފައެވެ. އަދި މިސްކިތްތައް ހެއުގޮތުގައި ބޭނުން ކުރުމަށް ޝަހީމު ވަނީ ގޮވައިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން