ސަރުކާރުގެ "ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް"ގެ ދަށުން ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯން ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.

މިއަދު ސަރުކާރުން ތައާރަފްކުރި ދެ ލޯނަކީ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނެވެ. ސަރުކާރުން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމްކަމަށެެވެ.

ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މިއީ އެއްވެސް ރަހުނަކާ ނުލައި، ކުޑަ އިންޓްރެސްޓް ރޭޓެއްގައި 10 މިލިއަން ރުފިޔާ ލިބޭ ލޯން ސްކީމްތަކެކެވެ. ސަރުކާރުން ބުނީ ފިނޭންސް މިނިސްޓްރީން އަލަށް ތައާރަފުކުރި އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ ހުރިހާ ގޮތަކުންވެސް ލުއި ލޯނެއްކަމަށާއި މިއީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާނެ ޕެކެޖްތަކެއްކަމަށެވެ. އަދި ލޯނުގެ ސަބަބުން ގެއްލުން ވަމުންދިޔަ ވިޔަފާރިތަކަށް އައު ދިރުމެއް އަންނާނެކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.

މިއަދު ތަޢާރަކުރެވުނު ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު ސްކީމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ލޯން ސްކީމެކެވެ. މި ލޯނަށްޓަކައި ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް 10 މިލިއަން ރުފިޔާއެވެ. ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް 10 މިލިއަން ރުފިޔާއާ ހަމައަށް އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިދާނެކަމަށް ސަރުކާރުން ބުނެއެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތަކީ 4 އަހަރެވެ. މި ލޯނުގެ ގްރޭސް ޕީރިއަޑަކީ 12 މަސްދުވަހެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 6 އިންސައްތައެވެ. މި ސްކީމަށް އެދި ހުށަހެޅޭނީ އިސްކަންދޭ ސެކްޓަރތަކުގެ ތެރެއިން، ޝަރުތު ހަމަވާ ވިޔަފާރިތަކަށެވެ.

ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ކޯވިޑް-19ގެ ޙާލާތާ ގުޅިގެން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލާފައިވާ ލޯނެކެވެ.

މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު 3 ޕެކޭޖުގެ ތެރެއިން ސްޓިމިއުލަސް ޕެކޭޖް 1ގައި ހިމެނެނީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް ދެވޭ ލޯނެވެ. ސްޓިމިއުލަސް ޕެކޭޖް 2 ގައި ހިމެނޭނީ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީއެވެ. ސްޓިމިއުލަސް ޕެކޭޖް 3ގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ދިނުމެވެ.

ކޮވިޑް-19 ގެ ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖުގެ މުހިންމު ބައިތަކަކަށް ބަލާލާއިރު، ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 1 މިލިއަން ރުފިޔާއެވެ. މި ލޯނު ދޫކުރާނީ ހައެއް އިންސައްތަ އިންޓަރެސްޓް ރޭޓުގައެވެ. ލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މިލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 24 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މިލޯނަކީ ވެސް ރަހުނެއް ބޭނުންވާ ލޯނެއް ނޫނެވެ. އަދި ވިޔަފާރި ފުޅާ ކުރުމަށް ނަގާ ލޯނެއްގައި މެނުވީ އިކުއިޓީއެއް ބޭނުމެއްނުވާނެއެވެ.

ސަރުކާރުން ބުނީ "ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު" މިފަހަރު ބައްޓަން ކޮށްފައިވަނީ ރިލީފް ލޯނަކަށްވުރެ ބޮޑަށް، އެސް.ޑީ.އެފް.ސީގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން، ކޮންސަލްޓަންޓުންގެ އެހީތެރިކަމާއެކުގައި މިލޯނަށް އެދޭ ފަރާތްތަކާއެކު މަޝްވަރާކުރެވިގެން، އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަކާއި، އެއަށް ބޭނުންވާނެ ފައިސާއާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ދީގެން ކުރިއަށް ގެންދިއުމަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން