ވަކި ހާލަތްތަކެއްގައި އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭނެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމު ކޯޓުގެ އެނިންމުމާއި ދެކޮޅުހައްދަވައި އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާ ވަނިކޮށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނުވަތަ މައްސަލަތައް ލަސްވެ ޢަދުލު އިންޞާފަށް ބުރޫއަރާފާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ދަޢުވާ ލިބޭފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމަވެސް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭކަން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-163 ވަނަ މާއްދާއާއި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދުގެ 2 އަދި 3 ވަނަ މާއްދާއިން ސާފުކޮށް އެނގޭކަމަށެވެ.



ޢަލީ ވަޙީދު ޝަރީޢަތުގައި ބައިވެރިވަނީ ޔޫކޭގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރެގެންކަން ނޫސްތަކުގައި ލިޔެފައިވާއިރު، އަދި ޝަރީޢަތުގެ އަޑުއެހުމުގައި ބައިވެރިވާން ޢަލީ ވަޙީދަށް އެނގޭނީ ވެސް ކޯޓު އަމުރު ރައްދުކުރެވިގެން ކަމާއި، މައްސަލައިގެ އަޑުއެހުމެއް ބޭއްވޭއިރު އޭނާ ހުރި ތަނެއް ކޯޓުން ކަށަވަރުކުރަން ޖެހޭނެތީ އެކަން ކޯޓުން ކުރާނެކަން ޕީޖީއަށް އެނގިވަޑައިގަންނަވަން ވާނެކަމަށްވެސް ހައިލަމް ވިދާޅުވިއެވެ. އަދި ޖިނާއީ މައްސަލައެއްގައި، ރާއްޖޭގެ އެމްބަސީއެއްގައި ހުރެގެން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިންގެ ހެކިބަސް ނެގުން ހުއްދަވާނަމަ ދަޢުވާ ލިބޭފަރާތުން އެދިގެން އެގޮތަށް ޝަރީޢަތް ކުރިއަށް ގެންދިޔުން މާ އައުލާކަން ބޮޑު ނޫންތޯއޭ ވިދާޅުވެ ހައިލަމް ވަނީ ޕީޖީއާއި ސުވާލު ކުރަށްވާފައެވެ.

މީގެއިތުރުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް އިޖުރާއަތުގެ ގަވާއިދުން ލިބިދެވޭއިރު، އެ މުއްދަތަށްވުރެ އިތުރު ނުވާނޭހެން ދެވޭ ފުރުޞަތަކާމެދު ޕީޖީ އިޢުތިރާޟުކުރައްވަނީ ކީއްވެގެންތޯ އާއި ޕީޖީގެ ކަންބޮޑުވުމަކީ ކޮބައިތޯ ހައިލަމް ސުވާލުކުރައްވާފައިވެއެވެ.



"ޢަލީ ވަޙީދަށް ދިފާޢުވުމަށް ޤާނޫނީ އިމުގެ ތެރެއިން ކޯޓުން އިތުރު ފުރުޞަތެއް ދިނުންތޯ؟ އޭނާ އެނބުރި ރާއްޖެ ނައިސްގެންތޯ؟ ނޫނީ ހައްޔަރު ނުކުރެވިގެންތޯ؟ ޢަލީ ވަޙީދު އެދިގެން ނޫންތޯ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދެވެނީ؟" ހައިލަމް ސުވާލު ކުރަށްވާފައިވެއެވެ.

ބޭސްފަރުވާ އަށް ހުއްދަ ދެވުނު މުއްދަތު ހަމަވެފައި ވާއިރު ހައްޔަރުކުރަން ބޭނުންނަމަ އެންމަ ފަސޭހަ ގޮތަކީ ރެޑް ނޯޓިސް އަކަށް އެދުންކަމަށްވެސް ހައިލަމް ވިދާޅުވިއެވެ. އަދި ދަޢުވާ ލިބޭފަރާތުން އެދިގެން، ކާރިސާގެ ޙާލަތެއްގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވުމަށް އޭނާއަށް ފުރުޞަތު ދެއްވުމަށް ފަނޑިޔާރު ނިންމަވާ އިޖުރާއީ ނިންމެވުން އިސްތިއުނާފުކުރެވޭނީ ކޯޓުން އެ މައްސަލާގައި މައުޟޫޢީ ގޮތުން ޙުކުމް އިއްވުމުންކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރ އަލީ ވަހީދުގެ މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤާނޫނީ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރެގެން މީހެއްގެ ޝަރީޢަތް ކުރިއަށްނުގެންދެވޭނެކަމަށާއި، އެއީ ޝަރީޢަތެއްކަމަށް ގަބޫލުވެސް ނުކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމު ވަނީ އެއީ ގާނޫނު ދަންނަ ކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން