ރިލީފް ލޯނެއްގެ ބަދަލުގައި މިފަހަރުގެ ޕެކޭޖްތައް ބައްޓަންކޮށްފައިވާނީ އެސް.ޑީ.އެފް.ސީ ގެ ބިޒްނަސް ކްލިނިކްތަކުގެ ޚިދުމަތުގެ ތެރެއިން ވިފާރިތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކަށްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ތަޢާރަފްކުރި "ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު" ސްކީމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ރިލީފް ލޯނަކަށްވުރެ ބޮޑަށް މިފަހަރު ލޯނު ބައްޓަންކުރަނީ އެސް.ޑީ.އެފް.ސީގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން، ކޮންސަލްޓަންޓުންގެ އެހީތެރިކަމާ އެއްކޮށް ލޯނަށް އެދޭ ފަރާތްތަކާއެކު މަޝްވަރާކުރެވިގެން، އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަކާއި، އެއަށް ބޭނުންވާނެ ފައިސާއާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ދީގެން ކުރިއަށް ގެންދިއުމަށްކަމަށެވެ. އަދި ވިޔަފާރިވެރިޔާއާއި ކޮންސަލްޓެންޓާ ދެފަރާތުން ވާހަކަ ދައްކައި ނިމޭއިރު އެ ވިޔަފާރިއަކީ ކުރިއަށް ނުގެންދެވޭނެ ވިޔަފާރިއެއްކަމަށް ނިމިއްޖެއްޔާ އެހެން ވިޔަފާރިއަކަށް ބަދަލުކުރުމަށްވެސް މަޝްވަރާ ކުރެވިދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ މީގެ ދުވަސްކޮޅެއް ކުރިން އިއުލާނު ކުރައްވާފައިވާ ފަދައިން މިއަދު މި ހުޅުވާލަނީ ޖުލައި ފުރަތަމަ ހަފްތާއިން ފެށިގެން އެސް.އެމް.އީ ތަކަށް ޚާއްޞަކޮށް ވިޔަފާރިތައް ކޮޅަށްޖަހާ ކުރިއެރުވުމަށްޓަކައި ޚާއްޞަ ޕެކެޖްތަކެއް. މި މަސައްކަތް ކުރިއަށް ގެންދާނީ އެސް.އެމް.އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕޮރޭޝަންގެ ފަރާތުން." ފައްޔާޒު ވިދާޅުވިއެވެ.

މި ލޯނަށް ހުޅުވައިލުމުގައި އެންމެ ފުރަތަމަ ޚާއްޞަ ކަމެއް ދޭނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކޮށްފައިހުރި ދާއިރާތަކަށާއި ރަށްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގްރޭޓަރ މާލޭ އޭރިއާއަކީ އެންމެ އިސްކަމެއް ދެވޭނެ އެއް ދާއިރާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ލޮކްޑައުންތައް ގެނެސްގެން އެންމެ ބޮޑަށް އަސަރުކުރި ރަށްތައް މީގެ ތެރޭގައި ހިމެނޭ. އޭގެ އިތުރުން ވިޔަފާރިތައް ބަންދު ކުރުމުގައިވެސް އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކާ ދޭތެރޭވެސް ޚާއްޞަ އަހަންމިއްޔަތެއް ގެންގުޅޭނަން. އޭގެ ތެރޭގައި ސެލޫން، ޖިމް ފަދަ ތަންތަން ހިމެނޭ. ކެފޭ ރެސްޓޯރެންޓްތައް ކޮންމެވެސް ވަރަކަށް ޑެލިވަރީ ކުރެވުނު ނަމަވެސް އެއީވަރަށް ބޮޑު ބައެއް ކުރިއަށް ނުގެންދެވުނު ވިޔަފާރިތަކެއް. މިފަހަރު އަމާޒު ކޮށްފައި މިވަނީ އެގްޒިސްޓިންގ ވިޔަފާރިތަކަށް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެސް.އެމް.އީ ވިޔަފާރިތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ބޮޑު ބައެއް އަމާޒުކުރާނީ މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށްކަމަށެވެ.

"އެގްޒިސްޓިންގ ވިފާރިތައް ކޮޅަށް ޖަހައި ދިރުވައި ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ ތެރޭގައި މި ލޯނުތައް ބައްޓަން ކޮށްގެން ކުރިއަށް ގެންދިއުމަށް. މި ފުރުސަތުތައް ބޭނުންކޮށްގެން ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި އަޅުގަނޑުމެންނާ ގުޅިގެން ތިޔަ ބޭފުޅުން މީގައި ބައިވެރިވެގެން މީގެ ބޭނުން ކުރާނެ ކަމަށް އުއްމީދުކުރަން." ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ "ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް"ގެ ދަށުން ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯން ސްކީމެއް އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. އެއީ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި "ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު"އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން