08 ވަނަ އެޕިސޯޑް

==========

[އިލްޔާސް ފުރަތަމަ އުޅެންވީ އިލްޔާސްގެ މެޑިކަލް ހައްދަން.] ޝާޢިރާ އެމީހުން ތިބޭ ހޮޓަލުގައި ތިބެގެން ވާހަކަ ދެއްކިއެވެ. އޭރު އެމީހުންގެ ކައިރީގައި އެމީހުންގެ ދެދަރިން ކަމުގައިވާ ނާއިޝްއާއި ނަޝާއާ ދެބެންވެސް ތިއްބެވެ.

[ތެދެއް ބައްޕާ، އަވަހަށް ޑޮކްޓަރަށް ދައްކަން ހިނގާ. އޭރުން އަވަހަށް ބައްޕަގެ ބޭސްފަރުވާގެ ކަންތައް ނިމޭނީވެސް. މިހާރު އަހަރެން އެޕޮއިންޓްމަންޓްވެސް ހަދައިފިން.] ނާއިޝް ބުންޏެވެ.

[އެންމެ ރަނގަޅު، ދަރިފުޅުމެނަށް ފެންނަ ގޮތެއް. ބައްޕައަށް އެނގޭ ދަރިފުޅުމެން ވީހާވެސް އަވަހަކަށް ރަށަށް ދާން ބޭނުންވާނެކަން. ހިނގާ ތިޔަ ބުނާ ކްލިނިކަށް ދަމާ.] އިލްޔާސް ކުދިންނާއެކު ހިނގައިގެންފިއެވެ.

އެދަތުރުގައި ކިތަންމެ ރޭވުމެއް ޝާޢިރާ ރާވަމުންދިޔަ ކަމުގައިވިޔަސް، އޭނާގެ ރޭވުން އޭނާގެ ކުދިންނަށް އަންގާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނުވާނެއެވެ. ޚާއްޞަކޮށް، އޭނާގެ އަންހެން ދަރިފުޅު ނަޝާއަކީ އެފަދަ އެއްވެސް ރޭވުމެއް އެނގިއްޖެނަމަ، މަންމަގެ މޫނަށް ބަލާނޭ އަންހެން ކުއްޖެއް ނޫނެވެ.

އެއީ ހެޔޮލަފާ ސާދާ މިޒާޖެއްގެ ކުއްޖެކެވެ. ޝާޢިރާ ނާއިލާއި ނާއިޝް ތަފާތު ކުރިޔަސް، އޭނާގެ ވިސްނުން ތަފާތެވެ. އޭނާ ނާއިލާއި ނާއިޝް އެއްވެސް ވަރަކަށް ތަފާތެއް ނުކުރެއެވެ.

ނާއިލަކީ އެންމެ ބޮޑު ބޭބެއަށްވީތީ، އޭނާ ނާއިލްދެކެ މާބޮޑަށްވެސް ލޯބިވޭކަންނޭނގެއެވެ.

[ވަރަށް ބޮޑަށް ލޯބިވޭ. އަހަންނަށް ޒޭނާއާ ނުލާ ނޫޅެވޭވަރަށް މިހާރު އަހަރެންގެ ހިތުގައި ޒޭނާގެ ލޯބި އަށަގެންފި.] ނާއިލް ވާހަކަ ދެއްކީ ޒޭނާއާއެވެ. އެދެލޯބިވެރިން ވާހަކަ ދެއްކީ އާޓިފިޝަލް ބީޗްގައި ހުރި ރެސްޓޯރެންޓެއްގައެވެ. މިރެޔަކީ ނާއިލްއާއި ޒޭނާ އެގޮތަށް ބޭރަށް ނިކުތް ފުރަތަމަ ދުވަސްވެސްމެއެވެ.

[ނާއިލް، މިގޮތަށް ބައްޕަމެން ބޭރަށް ދިޔުމާއެކު އަހަރެމެން ނިކުމެ އުޅުނީމާ މީސްމީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާނެ.] ޒޭނާ ކުރިމަތީގައި ހުރި ޖޫސްތަށި ބޮމުން ވާހަކަ ދެއްކިއެވެ.

[ކިތަންމެ ވާހަކައެއް ދެއްކިޔަސް، އަހަރެން ޒޭނާދެކެ ލޯބިނުވާ ކަމަކަށް ނުވާނެ. އެއްވެސް ބަޔަކަށް އަހަރެމެންގެ ލޯބި ސިއްރު ކުރާކަށް އަހަރެން ބޭނުމެއް ނޫން. ލޯބިވުމަކީ ކުށެއް ނޫން. އަދި ލޯބި ބަދަހި ކުރުމަކީވެސް ކުށެއް ނޫން.] ނާއިލް ޒޭނާގެ ލޮލަށް ބަލަން އިނދެ، ޒޭނާގެ އަތުގައި ހިފާލިއެވެ. ނާއިލްގެ މޯބައިލް ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ނާއިލް ފޯނު ނެގިއެވެ. ގުޅީ އޭނާގެ ކޮއްކޮ ނަޝާއެވެ.

[ބޭބޭ ޑޮކްޓަރުން އަންގަނީ ބައްޕަ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް. ކިހިނެއް ހަދަންވީ؟] ނާއިލް ފޯނު ނެގުމާއެކު ނަޝާ ވާހަކަ ދެއްކިއެވެ.

[އޮޕަރޭޝަނޭ. ޑޮކްޓަރު ގާތު އަހާބަލަ، އޮޕަރޭޝަނެއް ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ؟ ނޫނީ ފަހުން ބޭބެވެސްދާ ދަތުރެއްގައި އޮޕަރޭޝަން ކުރުން ކިހިނެއްވާނެހޭ؟]

[އެންމެ ރަނގަޅު. އަހަރެން ޑޮކްޓަރާ ވާހަކަ ދައްކާފައި ބޭބެއާ ގުޅާނަން. ނޫނީ ޑޮކްޓަރާއި ބޭބެއާ ގުޅުވައިދޭނަން.] ނަޝާ ބުންޏެވެ.

[ކޮބައިތަ ބައްޕަ. ދީބަލަ ބައްޕަ ހުރިއްޔާ ބައްޕަގެ އަތަށް.] ނާއިލް އެދުނެވެ.

ނަޝާ އޭނާގެ ގާތުގައި ހުރި އިލްޔާސް އަތަށް ފޯނު ދިނެވެ.

[ބައްޕާ، ބައްޕަ އަމިއްލައަށް ޑޮކްޓަރާ ރަނގަޅަށް މަޝްވަރާ ކުރާތި. ނަޝާމެން ކުދިން ވަރަށް ޅަވާނެ. އަހަރެން ނެތި ބައްޕަ އޮޕަރޭޝަނެއް ކުރަން ޖެހުމަކީ އަހަރެން ވަރަށް ކަންބޮޑުވާ ކަމެއް...] ނާއިލަކީ ވަރަށް ހަރުދަނާ ޒުވާނެކެވެ.

[ރަނގަޅު ދަރިފުޅާ. ބައްޕަ ޑޮކްޓަރާ މަޝްވަރާ ކުރާނަން. ޑޮކްޓަރު އޮޕަރޭޝަނެއްގެ ވާހަކަ އެބުނަނީ ދަރިފުޅު ވަރަށް ކުޑައިރު ބައްޕަ ސަފާރީ ބޯޓުގެ ވަތަށް ކައްސާލައިގެން ވެއްޓި ލިބުނު ގެއްލުމަކަށް. އެދުވަސްވަރު ބައްޕަ އެއްވެސް ފަރުވާއެއް ނުކުރަން. އޭރުވެސް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރު ލަފާދިން. އޭރު ދަރިފުޅުގެ ކޮއްކޮމެން މިދުނިޔެއަކަށް ނާންނާނެ.] އިލްޔާސް ކިޔައިދިނެވެ.

[އެހާ ދުވަސް ވަންދެން ބައްޕަ ތިހުރީ އެކަމާ އަޅާނުލާ....އެކަމަކު ބައްޕަގެ އަމިއްލަ ޞިއްޙީ ކަންކަމަށް ފަރުވާ ބަހައްޓަންވާނެ. މިރޭ ޑޮކްޓަރާ އަޅުގަނޑު ގުޅުވާލަދީ، އަހަރެން ޑޮކްޓަރާ މަޝްވަރާ ކުރާނަން.] ނާއިލް މިހެން ބުނެފައި ފޯނު ބޭއްވިއެވެ.

[ފޫހިވެއްޖެދޯ އަހަރެން ފޯނުގައި މާގިނައިރުވީމާ...] ނާއިލް އެއްމިޔަކަނުން ހީނލަމުން ވާހަކަ ދެއްކިއެވެ.

[އަޅެ ނާއިލް ދައްކާ ވާހަކަ. ނާއިލްގެ ބައްޕައަކީ އަހަރެން ދެކޭގޮތުގައި އަހަރެންގެވެސް ބައްޕައޭ. ބައްޕައަށް ކިހިނެއްވިއްޔޯ؟]

[އޮޕަރޭޝަނެއް ކުރަން ޖެހެނީޔޯ. ބައްޕައަކީ ބައްޕަގެ އަމިއްލަ ޞިއްޙީ ކަންކަމުގައި އަބަދުވެސް ވަރަށް ފަރުވާކުޑަ މީހެއް. އެދައްކަނީ މީގެ އަށާރަ އަހަރު ކުރީގައި ހިނގާފައިވާ ކަމަކަށް ކުރަންޖެހޭ އޮޕަރޭޝަނެއްގެ ވާހަކަ. ޑޮކްޓަރ ބުންޏޯ ވަރަށް މުހިއްމު އޮޕަރޭޝަނެކޯ.] ނާއިލް ކޮފީތަށީގެ އެންމެފަހު ކޯވަރު ބޯލަމުން ބުންޏެވެ.

ނަޝާ ޑޮކްޓަރު ލައްވާ ނާއިލަށް ގުޅުވީ ނާއިލްމެން އެރޭ ކައިގެން ގެއަށް ގޮސް ވަންތަނާހެންނެވެ. އޭނާ ޑޮކްޓަރާ މަޝްވަރާ ކުރުމުން، ތަޖްރިބާކާރު ޑޮކްޓަރ ބުނީ އޮޕަރޭޝަން ދެތިންމަސް ފަހުން ކުރިޔަސް އެންމެ ރަނގަޅުވާނެ ކަމަށާއި، އޮޕަރޭޝަން ކުރަންޖެހޭ މައްސަލައާ ބެހޭގޮތުން ހަދާ ރިޕޯޓެއް ނާއިލަށް ފޮނުވައިދޭނޭ ކަމަށެވެ.

ނަޝާއާއި ނާއިޝް ބައްޕަގެ ބޭސްފަރުވާގެ ކަންތަކުގައި އަވަދިނެތި އުޅޭއިރު، ޝާޢިރާ ދަނީ އޭނާގެ ރޭވުން ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އޭނާ ބޭނުންވަނީ އޭނާގެ ޙަޤީޤަތް ފަޅާއެރުމުގެ ކުރިން އިލްޔާސްގެ ދުވަސް ދުއްވާލާށެވެ. އޭނާ ދެކޭގޮތުގައި އޭރުން އިލްޔާސްގެ މުދަލުން ބައެއް، އޭނާއާއި އޭނާގެ ދަރިންނަށް ލިބޭނެއެވެ.

ނަމަވެސް، އޭނާ އެދޭ ފަދައިން، އެވަރުގެ ގެއްލުމެއް ބަޔަކަށް ދޭން ބޭނުން އެއްވެސް މީހަކާ އޭނައަކާ ދިމައެއްނުވިއެވެ. އަދި އޭނައަށް ކުރިމަތިވަމުން ދަނީ މުޅިންވެސް ނާކާމިޔާބާއެވެ.

[މަންމާ، މަންމަ މިހާރަކަށް އައިސް ކޮންމެވެސް ކަމަކާ ހާސްވެފައި ހުންނަހެން ހީވޭ. އަނެއްކާ މަންމަ ކޮންކަމަކާތަ ތިޔަ ވިސްނަނީ.] ނަޝާ މަންމަގެ އިޙްސާސްތައް ދެނެގެންފިއެވެ.

[އެއްވެސް ކަމަކާ ނުވިސްނަން. ދަރިފުޅަށް އެނގޭތަ، ދަރިފުޅުމެންގެ ބޮޑުމަންމަގެ ބަލިޙާލު ރަނގަޅުވެދާނޭ ކަމުގެ އިޝާރާތް މިހާރު އެބަފެނޭ. ވަރަށް ބޮޑަށް ހީވޭ މިމަސްތެރޭ އޭނައަށް މުޅިން ރަނގަޅުވާނެހެން.] ޝާޢިރާ އޭނާގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.

[އަޞްލުވެސްތަ؟ އަޅެ އަހަރެން ވަރަށް އުފާވެއްޖެ. އަޞްލު ބޮޑުމަންމަ ރަނގަޅުވުމަކީ މުޅި ޢާއިލާއަށްވެސް ދިރުން އަންނާނެ ކަމެއް. ބޭބެވެސް ހާދަ އުފާވާނެޔޭ.] ޙަޤީޤަތުގައިވެސް ނަޝާ ވަރަށް އުފާވިއެވެ. ނަމަވެސް، ނާއިޝްއަކީ އޭނާގެ މަންމަގެ ވިސްނުމާއި ފިކުރުތަކަށް ތަބާވާ ޒާތުގެ ކުއްޖެކެވެ. އެހެންވުމުން، އެއީ އޭނާ އުފާވާ ވާހަކައެއް ނޫނެވެ.

[އަހަރެން އެއްވެސް އުފަލެއްނުވޭ. އޭނާ ރަނގަޅު ވެއްޖެއްޔާ، މަންމަގެ ދައުރު ޢާއިލާތެރެއިން މުޅިން ކުޑަވެގެންދާނެ.] ނާއިޝް މަންމަގެ މޫނަށް ބަލައިލަމުން ބުންޏެވެ. އޭނާގެ ވާހަކައިން ޝާޢިރާއަށް ހިތްވަރު ލިބުނީ ކަންނޭނގެއެވެ.

[މަންމަގެ ދައުރު މުޅިން ގެއްލޭނެ.] ޝާޢިރާ ލިބުނު ހިތްވަރުގެ އަލީގައި ބުންޏެވެ. ޝާޢިރާ އެހެން ބުނުމުން އެއީ ޝާޢިރާ އުފާވާ ކަމެއް ނޫންކަން ނާއިޝްއަށް މާރަނގަޅަށްވެސް ވިސްނުނެވެ. އަދި މަންމަ ފިކުރު ބޮޑުވެފައިވަނީ އެހެން ވެގެންކަންވެސް ނާއިޝްއަށް އެނގުނެވެ.

[މަންމަ ތިވަރަށް ފިކުރު ބޮޑުވެފައި ތިހުންނަނީ އެހެންވެގެންދޯ؟ މަންމާ، އަހަރެން ދުނިޔޭގައި ހުއްޓަކާ މަންމަ ފިކުރުބޮޑުވާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، އަބަދުވެސް އަހަރެމެންގެ ޢާއިލާގެ އިސް މީހެއްގެ ގޮތުގައި ހުންނާނީ އަހަރެންގެ މަންމަ.] ނާއިޝް މަންމައަށް ހިތްވަރު ދިނެވެ.

[ތިހެން ނުބުނޭ ދަރިފުޅާ. ނާޒިމާ ރަނގަޅުވުމަށްފަހު އެންމެ ކުޑަމިނުން މިމަންމަ އެގޭގައި އުޅުނަވެސް ނުދޭނެ. އާނ އޭނާ މަންމަ މުޅިން ބާކީކޮށްލާނެ.] ޝާޢިރާ ބުންޏެވެ.

އެރޭ ނަޝާ ޑޮކްޓަރ ހިމޭޝްއާ ނާއިލާ ގުޅުވާލަދިނެވެ. ޑޮކްޓަރ ހިމޭޝް ވަރަށް ރަނގަޅަށް އިލްޔާސްގެ ހަށިގަނޑުގައި ހުރި މައްސަލަތައް ނާއިލަށް ކިޔާދިނެވެ. އަދި އޮޕަރޭޝަން ކުރަންޖެހޭ ސަބަބުތައް ބަޔާންކޮށްފައިވާ ލިޔުމެއް ތައްޔާރު ކޮށްފައި އިލްޔާސާ ޙަވާލުކުރާނެ ވާހަކަވެސް އޭނާ ނާއިލް ގާތު ބުންޏެވެ. ހަމަ އެރޭ އެ ފޯންކޯލަށްފަހު ޑޮކްޓަރ ހިމޭޝް އިލްޔާސާވެސް ވާހަކަ ދެއްކިއެވެ.

[އިލްޔާސަށް ވަރަށްބޮޑު ގެއްލުމެއް ލިބިފައިވޭ. ހަނދާން އެބަހުރިތަ، މިބުނީ ކުރިން އިލްޔާސް އެކްސިޑެންޓެއްވެފައިވޭތަ؟] ޑޮކްޓަރ ހިމޭޝް އިނގިރޭސިބަހުން އިލްޔާސާ ސުވާލު ކުރިއެވެ.

[އާނ އަހަރެންގެ ފުރަތަމަ ދަރިފުޅު ނާއިލް ވަރަށް ކުޑައިރު، އަހަރެން ސަފާރީ ބޯޓެއްގެ ވަތަށް ވެއްޓި ވަރަށް އަނިޔާވި. އެދުވަސްވަރު...އަހަރެން ބެލި ޑޮކްޓަރުން ލަފާ ދިން އޮޕަރޭޝަނެއް ކުރަން. އެކަމަކު ފަހުން އަހަރެން ހަނދާންވެސް ނެތުނީ. އެކަމުގެ ވޭން ބޮޑަށް ނާޅާތީ އަޅާނުލެވުނީ. އަނެއްކާ އޮޕަރޭޝަން ކޮންމެހެން ކުރަން ޖެހޭތަ؟] އިލްޔާސް، އޭގެ ފަންސަވީހަކަށް އަހަރު ކުރީގެ ޙާދިޘާ ހަނދާން ކުރަމުން ބުންޏެވެ.

[މިހާރު އިލްޔާސްގެ ކިތައް ކުދިން އެބަތިބިތަ؟ މިބުނީ އެކްސިޑެންޓްވިފަހުން ކުއްޖަކު ލިބުނުހޭ؟] ޑޮކްޓަރ އެއްސެވެ.

[އާނ، އޭގެފަހުން އޭރުގެ އަންހެނުން ވަރަށް ބޮޑަށް ބަލިވެގެން އަހަރެން އެހެން މީހަކާ އިނީ. އޭނައަށް ދެވައްތަރުގެ ދެކުދިން ލިބިފައިވޭ.] އިލްޔާސް ބުންޏެވެ.

އިލްޔާސް މިހެން ބުނީމާ ޑޮކްޓަރ ހިމޭޝަށް ވަރަށްބޮޑު ޙައިރާން ކަމެއް ލިބުނެވެ. ހިމޭޝަށް އިރުކޮޅެއް ވަންދެން ވިސްނާލަން ހުރެވުނުވެސްމެއެވެ.

[އިލްޔާސް ތިދައްކަނީ ވަރަށް ނުގުޅޭ ވާހަކައެއް. އިލްޔާސަށް ދިމާވެގެން މިއުޅެނީ އާދައިގެ މައްސަލައެއް ނޫން. އަހަރެން ބޭނުން އަދި އިލްޔާސް ދޮށީ ދަރިފުޅު ޑޮކްޓަރ ނާއިލާ ވާހަކަ ދައްކާލަން. ނާއިލްގެ ނަމްބަރު ދީފައި އިލްޔާސް ބޭރުގައި މަޑުކޮށްލާ.] ޑޮކްޓަރ ހިމޭޝް ވަރަށް ފުންކޮށް މަޞްލަޙަތާމެދު ވިސްނުމަށްފަހު ބުންޏެވެ. އިލްޔާސް ނާއިލަށް ގުޅޭ ނަންބަރު ދިނުމަށްފަހު ބޭރަށް ނުކުމެއްޖެއެވެ. ވަގުތުން އޭނާ ނާއިލަށް ގުޅިއެވެ.

[ޑޮކްޓަރ ހިމޭޝް މިއީ.....ވަރަށް ސީރިއަސް މައްސަލައަކާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހިފައި މިއަދު މިވަނީ. ނާއިލްގެ ބައްޕައަށް މީގެ ފަންސަވީހަކަށް އަހަރު ކުރިން ދިމާވެފައިވާ ގެއްލުމަކާ ގުޅިގެން ކުރަންޖެހޭ އޮޕަރޭޝަނެއްގެ ވާހަކަ ދައްކަމުން މިދަނީ. ޙަޤީޤަތުގައި އެއޮޕަރޭޝަން ނުކޮށް އިލްޔާސަށް ކުދިންނެއް ނުލިބޭނެ. އެކަމަކު ބައްޕަ ބުނެފި، ނާއިލްގެ ފަހުން ދެކުއްޖަކު ލިބިފައިވާ ކަމަށް. އެކަމަކު އެއީކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން. އެހެންވެ ބައްޕަ ގާތު އެވާހަކަ ނުބުނެ ނާއިލަށް މިގުޅީ.....ކިހިނެއް ހަދަންވީ؟] ޑޮކްޓަރ ހިމޭޝް ބުންޏެވެ.

[އަހަރެން ތިކަން ތަޙުޤީޤު ކުރާނަން. ބައްޕަގެ ހުރި މައްސަލަތަކާއެކު ލިޔެ ރިޕޯޓެއް އެކުލަވާލާ. ބައްޕަ ގާތުވެސް އަދި ތިކޮޅުގައި ތިބި ދެބެންގާތުވެސް ނުބުނާތި. އަދި ރިޕޯޓް ބަންދުކޮށްފައި އަޅުގަނޑަށް އެޑްރެސް ކޮށްފައި ފޮނުއްވައިދެއްވާ.] ނާއިލް ބުންޏެވެ. ޑޮކްޓަރ ހިމޭޝް ފޯނު ބޭއްވިއެވެ. ހިމޭޝްގެ ވާހަކައިން ނާއިލަށް ހީވީ ބޮޑު ޝޮކެއް ލިބުނުހެންނެވެ.

ޙަޤީޤަތުގައި ދޮންމަންމައާމެދު އެފަދަ ގޮތަކަށް ވިސްނާނެ ފުރްޞަތެއްވެސް އޭނާއަކަށްވެސް އަދި އެޢާއިލާގެ އެހެން މީހަކަށްވެސް ލިބިފައެއް ނުވެއެވެ.

އެމީހުންނަށް ފެނިފައިވަނީ އުފަން މަޔަކުފަދަ އޯގާތެރި މަންމައެކެވެ. އެހެންވެ ޝާޢިރާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޤަބޫލު ކުރުމަކީ ނާއިލަށް ވަރަށް ދަތި އުނދަގޫ ކަމެކެވެ.

[ނާއިލް ހާދަ ފިކުރުބޮޑުވެފައި. އަނެއްކާ ކިހިނެއްވީ؟] އެ ފޯންކޯލަށްފަހު ނާއިލް ޚިޔާލީ ފުން ކަނޑެއްގައި ވަނިކޮށް އޭނާ ސިއްސުވާލީ ލޯބިވެރިޔާ ޒޭނާއެވެ.

[ޒޭނާ، އަހަރެން އެއްވެސް ކަމަކާ ނުވިސްނަން. މިހާރު ދެން ކަންތައް ވަމުންދާ ގޮތުން ކޮންމެވެސް ވަރަކަށް ވިސްނަން އެބަޖެހޭ.] ނާއިލް ދެއަތަކަށް ބޯހޫރާލިއެވެ.

[ތިވިސްނަނީ މާދަމާ ކުރަންޖެހޭ ކަންތަކާ މެދުގައިތަ. މާދަމާ އަލިތައްޚާނުބެ ހޯދަން ބުނި ތަކެތި މިހާރު ހޯދައިފިންތަ؟ ޙަޤީޤަތުގައި މިހާރު ފިކުރު ކުރުމުގެ މާނައެއް ނެތް. ﷲގެ ރަޙްމަތްފުޅުން މަންމަގެ ބަލިޙާލު ދެން މާގިނަ ދުވަސްތަކެއްނުވެ ރަނގަޅުވެދާނެ. އުފާކުރަންވީ އަލިތައްޚާނުބެ އެބަބުނޭ ރަނގަޅު ކުރާނަމޭ.] ޒޭނާ ނާއިލްގެ ގާތުގައި އިށީނެވެ.

ޖެހިގެން އައި ދުވަހަކީ ވަގުތު ބެލުމަށްފަހު އަލިތައްޚާނުބެ، އޭނާގެ މަސައްކަތުގެ ފުރިހަމަ މަރްޙަލާ ފެށި ދުވަހެވެ. އޭނާ މިހާރު ދީފައިވަނީ ތިން ހަފްތާގެ މުއްދަތެކެވެ. ތިން ހަފްތާތެރޭގައި ނާޒިމާ ޢާންމު ޙާލަތަށް ބަދަލުވާނެ ކަމަށް އޭނާ ބުނެއެވެ. ފުރަތަމަ މަރްޙަލާގައި އޭނާ ކުރަމުންދާ މަސައްކަތަކީ، އެގެއަށް ކޮށްފައިވާ ކަންތައްތައް ބާޠިލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ކުރެވުނު މަސައްކަތުން މިހާރުވެސް ނާޒިމާއަށް ލުއި ލިބިއްޖެ ކަމަށް އޭނާގެ ޙަރަކާތްތަކުން އެނގެއެވެ.

[މަންމާ....މަންމައަށް އެނގޭތަ، މަންމަގެ ޙަސަދަވެރިޔަކީ ކާކުކަން. އަހަރެން ދުވަހަކުވެސް އެމީހަކަށް މަޢާފެއް ނުކުރާނަން.] ނާއިލް މަންމަގެ އަތުގައި ހިފަހައްޓާލިއެވެ.

[ނާއިލް މަންމައާ ވާހަކަ ދައްކަން އަދި މާ އަވަސް. އިރާދަކުރެއްވިއްޔާ، ނާއިލް ތިގޮތަށް ސުވާލު ނުކުރިޔަސް މަންމަ އަދި ވާހަކަ ދައްކާނެ. މާއަވަހަށް ތެޅިގަނެގެން ކަންތައްތައް ކުރުމަކީ ރަނގަޅު ކަމެއް ނޫން.] އަލިތައްޚާނު އޭނާ ލިޔުނު ތަވީދު ނާޒިމާގެ ފައިގައި އަޅުވަމުން ބުންޏެވެ.

މިހާރު ކުރިއާ ޚިލާފަށް ނާޒިމާގެ އަތްފައިވެސް ޙަރަކާތް ކުރެވެއެވެ. އެހެންކަމުން، މަންމައާމެދު ނާއިލް ކުރާ އުއްމީދުތަކަށް މިހާރުވަނީ ދިރުން ލިބެން ފަށާފައެވެ. މަންމައާމެދު ކުރާ އުއްމީދުތަކަށް ދިރުން ލިބެން ފެށިއިރު، ބައްޕައާއި ކޮއްކޮމެނާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. އަދި އޭނާގެ ކުޑަމަންމަ ޝާޢިރާއާ މެދުގައިވެސް ވަނީ ސުވާލު އުފެދިފައެވެ.

އެމަންމަގެ އިޚްލާޞްތެރިކަމާ މެދުގައެވެ. އެހެން ނަމަވެސް، އެމަންމައާމެދު މިހާރު އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ، ޙަޤީޤަތަކަށްވާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަށް އެކަން ޤަބޫލެއްވެސް ނުކުރެވޭނެއެވެ. އެއީ އޭނާގެ ޢުމުރުން އެންމެ ހައަހަރުން ފެށިގެން މައެއްގެ ލޯބި ދެމުން އައި ނުއުފަން މަންމައެވެ. ވުމާއެކު އޭނާގެ ހިތުގައިވެސް އެމަންމައަށްޓަކައި ވަނީ ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައެވެ.

[ކޮންކަހަލަ އިމްތިޙާނަކާ އަހަންނާ ކުރިމަތި މިވަނީ.] ނާއިލަށް އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކުރެވުނެވެ.

އާދެ، މިހާރު ޝާޢިރާމެން އެނބުރި މާލެ އައުމަށްޓަކައި ތައްޔާރުވަމުން ދަނީއެވެ. އެނބުރި މާލެ ދެވޭތީ ނަޝާއާއި ނާއިޝް އުފާވެފައި ތިއްބަސް ޝާޢިރާ ހުންނަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އޭނާގެ ހިތަށް ސިފަވަމުންދަނީ އޭނާގެ ޙަޤީޤަތް ހާމަވެ، އޭނައަކީ ކާކުކަން އެނގޭ ވަގުތު، އޭނާގެ ދިރިއުޅުމަށް ވެގެންދާނޭ ހިތްދަތިގޮތެވެ.

[މަންމަ ހާދަ ފިކުރުބޮޑުވެފައި. އެކަމާ ތިވަރަށް ފިކުރުނުކޮށްބަލަ. އަހަރެން ދުނިޔޭގައި ހުއްޓަކާ މަންމައަށް ދެރަގޮތެއްވިޔަކަ ނުދޭނަން. އަހަރެން މަންމަ ސަލާމަތްކޮށްދޭނަން.] ނާއިޝް ދަތުރަށް ތައްޔާރުވާން އުޅެމުން މަންމައާ ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ ތިޔަހެން ނުބުނޭ. މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބުން ދަރިފުޅަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެ. މަންމަގެ ހިތަށް އަރަނީ މާލެގޮސް ފައިބާ ދުވަހުން ފެށިގެންވެސް މަންމަ މުޅިން ބާކީވެ އެކަނިވެރި ވެދާނެޔޭ.] ޝާޢިރާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ.

[މަންމާ އަހަރެންނަށް ކިތަންމެ ކަމެއްވެސް ކުރެވޭނެ. އަހަރެން އޭނާ މަރާވެސްލަފާނަން. އަހަރެންގެ މަންމަގެ އުފާތަކަށް ހުރަސްއެޅޭ ކަމަށްވާނަމަ، އެހުރަސްތަކެއް ނައްތާލަން އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން. މަންމަ ކަންބޮޑުނުވޭ.] ނާއިޝް މަންމަގެ ބޮލުގައި ފިރުމާލިއެވެ. ނާއިޝްގެ ސަބަބުން ޝާޢިރާއަށް ހިތްވަރު ލިބުނު ކަމުގައިވިޔަސް، އޭނާ އުފަލެއް ނުވެއެވެ.

ނާއިޝަށް ނުވިސްނުނަސް، ކަންތައްވާނެ ގޮތް އޭނައަށް ވިސްނެއެވެ.

[ދަރިފުޅު މަންމައާއެކު ހުރީމާ ހިސާބަކަށް ނުތަނަވަސްކަން ފިލައިފި. ދަރިފުޅާ ޙަޤީޤަތުގައިވެސް ނާޒިމާ ރަނގަޅު ވެއްޖެއްޔާ މަންމަގެ އުފާތައް ކަފުން ކުރެވޭނެ. އެގެއިން މަންމައަށް ހިނދުކޮޅަކަށްވެސް ޖާގައެއް ނޯންނާނެ.] ޝާޢިރާ ދަރިފުޅުގެ ކޮނޑުގައި ބޯއަޅާލިއެވެ.

މިހާރު އަލިތައްޚާނު، އޭނާގެ މަސައްކަތުގެ ބޮޑުބައެއް ކުރިއަށް ގެންގޮސްފިއެވެ. ވުމާއެކު، މިހާރު އެގެއަށް ކޮށްފައިވާ ގިނަ ސިހުރުތައް ވަނީ ބާޠިލް ކުރެވިފައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


20

ަހިންނަވަރު ކުއްޖާ

07-May-2020

ސަޅި ވާހަކަ އެއް ސަރާ ވެސް ގެނެސް ދެއްޗޭ


-1

އަސްމާ

07-May-2020

އަސްލު ރަސް އޮންލައިން އަށްޝުކުރުއަދާކުރަން މި ވާހަކަހޯދަން މާލެ ކުޑަކޮށްފަ ހުއްޓާ މިނޫހުން މި ފެނުނީ


20

ހަސަން

07-May-2020

ވަރަށް އިންޓްރެސްޓިން


1

ސަނާ

07-May-2020

އެ ދެންބޭނުންވަނީ އެކީ ވާހަކަ ކިޔަން ކޮންތާކުން ލިބެން ހުންނާނީ



ޓްރެންޑިން