ސަރުކާރުން ތައާރަފްކުރެއްވި "އިކޮނޮމިކް ސްޓިމިއުލަސް ލޯން" އަކީ ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭވަރުގެ އިންޓްރެސްޓް ރޭޓް ކުޑަ، ލުއި ލޯނެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ތަޢާރަފްކުރި އިކޮނޮމިކް ސްޓިމިއުލަސް ލޯނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިފަހަރު އިއުލާންކުރި ޕެކޭޖްތަކަކީ ގާތްގަނޑަކަށް 375 މިލިއަން ރުފިޔާގެ ރިލީފް ލޯންތަކެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭވަރުގެ އިންޓްރެސްޓް ރޭޓްވެސް ކުޑަ، ގްރޭސް ޕީރިއަޑްވެސް އަހަރެއްހާ ދުވަހަށް ދަންމާލާފައިވާ ވަރަށް ލުއި ލޯނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"4 އަހަރުން ދައްކާ ގޮތަށް، 1 އަހަރުގެ ގްރޭސް ޕީރިއަޑަކާ އެއްކޮށް 6 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި ދޭ ލޯނުތަކެއް މިއީ. މިހާރު އެކިއެކި ބޭންކްތަކުން ދޫކުރާ ލޯންތަކާ އަޅައިބަލާއިރު ކޮސްޓް އޮފް ބޮރޮއިންގ ދަށް ލޯނެއްކަން ފާހަގަކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ހުރިހާ ލޯންތައް އަދި ސްޓިމިއުލަސް ޕެކެޖްތަކުގެ ހަގީގީ ބޭނުމަކީ ވީހާވެސް އަވަހަކަށް މި އިޤްތިޞާދީ ކާރިސާއިން އަރައިގަނެ، އިޤްތިޞާދު އަލުން އާރާސްތުކުރުން ކަމަށެވެ.



"2019 ގައި އޮތް އިޤްތިޞާދަށް ދާން މަގުފަހިކުރުން. މިހާރު މިކުރާ މަސައްކަތުން، މިހާރު މި ހުރި ސިޔާސަތުތަކާ އެއްކޮށް އަޅުގަނޑުމެންނަށް މިއަހަރު ނިމޭއިރު 2019 ޑިސެންބަރުގައި ކޮވިޑް-19 އައި އިރު އޮތް އިޤްތިޞާދަށް އަނބުރާދެވޭނެ. މިއަހަރު ނިމޭއިރު ގާތްގަނޑަކަށް 18 ޕަސެންޓް އިޤްތިޞާދު ކުރިއަރާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ 2020 ވަނަ އަހަރު އިޤްތިޞާދު ގާތްގަނޑަކަށް 34 އިންސައްތަ ދަށަށް ދިޔަކަމަށެވެ. އަދި ސަރުކާރުން އަންދާޒާ ކުރި އާމްދަނީވެސް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ދަށަށްދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުވެސް އާމްދަނީއަށް އަސަރުކުރިކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"2021 ވަނަ އަހަރުވެސް އާމްދަނީއަށް މިވަނީ ވަރަށް ބޮޑުތަނުން ލޮޅުން އައިސްފައި. އެއާއެކުވެސް ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއާއި، އިކޮނޮމިކް އަދި ސޯޝަލް ދާއިރާއަށްވެސް ވަރަށް ބޮޑު ރިލީފް ޕެކެޖްތަކެއް ދެމުން ސަރުކާރުން މިދަނީ." މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އަދި އާންމު ފަރުދުންގެ ދިރިއުޅުމަށް އަންނަ ލޮޅުންތަކަށް ސަރުކާރުން އެހީތެރިވެ ދިނުންކަމަށެވެ. އެގޮތުން މިހާތަނަށް 2020 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެކިއެކި ގޮތްގޮތުން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށްވެސް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަދި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯންތަކެއް ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު ހަމައެކަނި ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް އައިސްފައިވާ ލޮޅުމަށް އެހީތެރިވެދިނުމަށްޓަކައި ގާތްގަނޑަކަށް 6 އިންސައްތަ ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ދަށުން ކުރަން ބޭނުންވާ ކަމެއްކަމަށާއި ސަރުކާރުގެ އަމާޒަކީ 2019 ގައި އޮތް އިޤްތިޞާދަށް ވީހާވެސް އަވަހަކަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދިއުންކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން