ހަމަލާގައި ގިނަ އަނިޔާތަކެއް ލިބިވަޑައިގެންނެވި ނަމަވެސް މަސައްކަތްޕުޅުކުރަށްވަނީ އަނިޔާތަކުން އަރައިގަނެ ހެއުހާލުކޮޅުގައި ރާއްޖެއަށް ވަޑައިގެންނެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނަށް ގިނަ އަނިޔާތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ މާތްﷲގެ ރަހުމަތާއެކު އަނިޔާތަކުން ވީ އެންމެ އަވަހަކަށް އަރައިގަނެ، ހެޔޮ ހާލުގައި ރާއްޖެ ވަޑައިގެންނެވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ލިބިވަޑައިގެންފައިވާ އަނިޔާތަކުން އަރައިގަނެ، ވީ އެންމެ އަވަހަކަށް ރާއްޖެ ވަޑައިގަތުމަށް ރައީސް ނަޝީދު މަސައްކަތްޕުޅުކުރައްވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއަށް ފަހު ލިބުނު ޒަޚަމްތަކުގެ ތެރެއިން ފައިންޕުޅުގެ ޒަޚަމް ފިޔަވައި އެހެން ޒަޚަމްތައް ފަސޭހަވެއްޖެކަމަށް އެމަނިކުފާނުގެ ޢާއިލާއިން ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މެއި ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. އަދި އޭގެފަހުން އެމަނިކުފާނު އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުވިލާތުންނެވެ.

ރައީސް ނަޝީދުގެ ސިއްޙީ ޙާލުކޮޅާ ގުޅޭގޮތުން އެމަނިކުފާނުގެ ބޭބެ ޑރ. ނާޝިދު ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ތެރެއިން އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމްތައް ފަސޭހަވެއްޖެ ކަމަށެވެ. އެއާއެކު ބުރާސްފަތި ދުވަހަށް ޑޮކްޓަރުން ކުރިން ތާވަލުކުރި އެންޑޮސްކޮޕީ ވެސް ކެންސަލްކޮށްފައި ވާކަމަށް ނާޝިދު ވިދާޅުވިއެވެ.

މޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތާއި ދިމާކޮށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން ފަސްމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސަލާމަތީ ކަންކަން ފޫއަޅުވާލާފައިވާ ގޮތް މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ. މި ހަމަލާއާއި ގުޅިގެން ވަކިވަކި ސިފައިންނަށާއި ދިފާއީ ވަޒީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދާއިރު އެފަދަ ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މަޖިލީހުން ވަނީ ސުވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން