އެއްވެސް ތަހުގީގެއް، ސުވާލެއް ކުރުމެއް ނެތި މީޑިއާތައް ޖޫރިމަނާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި އެކުއްޖާގެ ވަނަވަރާއި ޒާތީ މައުލޫމާތުތަކެއް އާންމުކުރި ކަމަށް ބުނެ ޖެންޑަރ މިނިސްޓްރީން ވަނީ "އަވަސް" ނޫސް ޖޫރިމަނާކޮށްފައެވެ. އެ ނޫސް ޖޫރިމަނާކުރީ 2000 ރުފިޔާ އިންނެވެ. މީގެ އިތުރުން "ވަގުތު" ނޫހާއި "ވަން އޮންލައިން" އާއި "އަދަދު" ނޫހަށް ޖެންޑާ މިނިސްޓްރީން ވަނީ ނަސޭހަތް ދީފަ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، އެއްވެސް ތަހުގީގެއް، ސުވާލެއް ކުރުމެއް ނެތި މީޑިއާތައް ޖޫރިމަނާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މީޑިއާތައް ޖޫރިމަނާކުރުމަކީ ކަމުގެ ހައްލު ނޫން ކަމަށާއި، އަދި، އެކަމުގައި އެ ކައުންސިލާ މަޝްވަރާނުކުރާތީ ކަންބޮޑުވާކަމަށް ޝަހުބާން ވިދާޅުވިއެވެ.

މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ސޯޝަލް މީޑިއާގައި މައުލޫމާތު އާންމު ކުރާ ނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބޭ ކަމަށެވެ. ކުޑަކުއްޖާ މަރާލާފައިވާ ކަމުގެ ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ކަމަށް ޖެންޑާއިން ފޮނުވި ސިޓީތަކުގައި ބުނެފައިވެއެެވެ. އަދި އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ސިޓީތަކުގައި ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެކުއްޖާއަކީ އެ މިނިސްޓްރީން އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރި ކުއްޖެއް ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ލިބި، އެކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހުޅުމާލޭ ދެވަނަ ފޭސްގެ މޫދު ހިމެނޭ ސަރަހައްދުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ފިލާ ތިއްބައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން