އއ. ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިގެން ވަށްބާރަށް ކުރިއަށްދާކަމަށް އެމް ޑަބްލިޔޫ އެސް ސީން ހާމަކޮށްފިއެވެ.

މިގޮތުން، މިމަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށް އެމް ޑަބްލިޔު އެސް ސީން ބުނެފައިވެއެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފެރިދޫއަށް ގެންދެވިފައިވާކަމަށް ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. 

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި 6.76 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށްވެސް އެމް ޑަބްލިޔު އެސް ސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމާއި، 1.07 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށްވެސް އެމް ޑަބްލިޔު އެސް ސީން ބުނެފައިވެއެވެ. މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ފެރިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޑަބްލިޔު އެސް ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއަކީ ޖުމްލަ 35،951،162.68 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢު 22 މަސް ދުވަސް ތެރޭގައި ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމް ޑަބްލިޔު އެސް ސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން