ނޫސްވެރިކަމުގެ މިނިވަންކަމުގައި ވެސް އިންތަކެއް އޮންނަންޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު, ރީކޯ މޫސަ ވިދާޅުވެއްޖެއެެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި އެކުއްޖާގެ ވަނަވަރާއި ޒާތީ މައުލޫމާތުތަކެއް އާންމުކުރި ކަމަށް ބުނެ ޖެންޑަރ މިނިސްޓްރީން ވަނީ އޮންލައިން ނޫހެއް ޖޫރިމަނާކޮށް، ތިން މީޑިޔާ އަކަށް އެމައްސަލައިގައި ނަސޭހަތްދީފައެވެެ. އެކަމާ ގުޅިގެން މީޑިޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ މީޑިޔާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ،‏ ނޫސްވެރިކަމުގެ މިނިވަންކަމަކީ ވެސް އިންތަކެއްއޮންނަންޖެހޭ މިނިވަންކަމެއް ކަމަށެވެ. އަދި ގައުމުގައި ހިނގާހާ ކަމަކަށްފާޑުކިއުމާއި އެހެންމީހުންގެ ވާހަކަތައް މީޑިއާތަކުގައި ހާމަކުރާއިރު ޒިންމާދާރުވާންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"ޒިއްމާދާރުނުވެވޭނަމަ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެގޮތުގާ ބަލައިނުގަނެ މީޑިއާއަކީ ސިޔާސީ ހަތުރުންނަށްވެދާނެ." ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ކަމާއި ހައްދުންމަތީ މެމްބަރު ކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެނޫން އެހެން ގާނޫނު ތަކުގައި ވެސް އެފަދަ އިބާރާތްތަކާއި މާއްދާތައް ހުރި ނަމަވެސް ހުރުހާ ފަރާތްތަކުންވެސް މިޑިއާތަކަށް ފިޔަވަޅު އެޅުމާއި މީޑިއާގެ މައްސަލަތައް ބެލުމަށް ހުށައަޅަނީ މީޑިއާގެ ބެލެނިވެރި ފަރާތްތަކަށެވެ. އެމައްސަލައެއް ބަލައި ފިޔަވަޅު އަޅަނީ އެފަރާތްތަކުންނެވެ. މީޑިއާގެ ބެލެނިވެރި ފަރާތްކަމުގައި ގާނޫނުގައި ކަނޑައަޅާފައިވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ބައެއް މީޑިއާތަކުން އެ ކުއްޖާގެ ވަނަވަރު ހާމަކޮށް، ޒާތީ ބައެއް ވާހަކަތައް ވަނީ ރިޕޯޓްކޮށްފައެވެ.

މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ސޯޝަލް މީޑިއާގައި މައުލޫމާތު އާންމު ކުރާނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބޭ ކަމަށެވެ. ކުޑަކުއްޖާ މަރާލާފައިވާ ކަމުގެ ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ކަމަށް ޖެންޑާއިން ފޮނުވި ސިޓީތަކުގައި ބުނެފައިވެއެެވެ. އަދި އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ސިޓީތަކުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން