ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށާއި، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލާފައިވާ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާކަމުގެ މައުލޫމާތު އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ މީޑިއާގައި ޝާއިޢުކުރާ ލިއުންތަކުގެ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިސާސް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމުގައި ވީހިނދު، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، އެކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އެހެންކަމުން އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުން ބުނީ ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށް ކަމަށެވެ.

އެހެންކަމުން އެ އުސޫލުގެ ތެރެއިން ޤާނޫނު ނަންބަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، މީޑިއާ ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި މީޑިއާ ކައުންސިލުން ބުނެއެވެ. އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި ޤަބޫލު ނުކުރާކަމަށްވެސް ބަޔާނުގައިވެއެވެ.



މީގެއިތުރުން މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުން ނޫންކަމަށާއި، އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެއްކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނީ ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިނާއި ޚިލާފަށް 13 އަހަރުގެ ކުއްޖާގެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާކަން އެ ކައުންސިލަށް ފާހަގަކުރެވުނު ހިސާބުން އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

އަދި ކައުންސިލުގައި އެމައްސަލައިގައި މަޝްވަރާކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ކައުންސިލުން މޮނިޓަރކުރަމުން ގެންދިޔަ ޚަބަރުތަކުގައި ހިމެނޭ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމަންޓެއް ހަދަން ނިންމާފައިވާކަމަށްވެސް މީޑިއާ ކައުންސިލުން ބުނެއެވެ. އަދި މި އެސެސްމަންޓް ހަދަން ނިންމާފައިވާކަމުގެ މައުލޫމާތު މިހާރުވާނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާވެސް ހިއްސާކޮށްފައިކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އެހެންކަމުން، ކައުންސިލުން އެ މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް

ނުހިންގުމަށް މީޑިއާ ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި މީޑިއާތަކުގައި ޝާއިޢުކުރާ އެއްވެސް ކޮންޓެންޓަކާގުޅިގެން މައްސަލައެއް ފާހަގަވާނަމަ، ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތްތަކުގެ ތެރެއިން އެކަން ކުރުމަށް އެންމެހާ ފަރާތްތަކަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން