ބްރޯޑްކޮމް ގެ މެންބަރުން
ބްރޯޑްކޮމް ގެ މެންބަރުން
ސަރުކާރުގެ އިދާރާތަކުން މީޑިއާތަކަށް ފިޔަވަޅު އަޅާތީ ކަންބޮޑުވާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރު ދީފައިވާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ޑިމޮކްރަސީ އާލާކުރުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި އެކަށައަޅާފައިވާ މަޤްޞަދުތަކެއް ކަމުގައިވާތީ، މި މަޤްޞަދުތައް ޙާސިލްކުރުމަށް އެ ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން 22 ޖޫން 2021 ގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، އަނިޔާވެރިގޮތަކަށް މަރާލި ހާދިސާގެ ޚަބަރުތައް ބައެއް ބްރޯޑްކާސްޓަރުން ގެނެސްދީފައިވާ ގޮތް ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ކޮމިޝަނުން އެކަންކަން ބަލަމުން ދަނިކޮށް 24 ޖޫން 2021 ގައި، މި ހާދިސާއާ ގުޅޭ ޚަބަރުތައް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން އެ މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅާފައިވާތީ، އެކަމާ ކަންބޮޑުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ އެކި ޤާނޫނުތަކުން މީޑިއާތަކަށް ފިޔަވަޅުއެޅުމަށް ފުރުސަތު ލިބިދީފައިވާތީ، އެކަމަކީވެސް މި ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ. އަދި ޤާނޫނުތަކުގައި ހުރި މިފަދަ ފުށުއެރުންތައް އެއްގޮތްކޮށް، އިޞްލާޙްކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ދަރަޖައަށް ދިނުމަށް ޤާނޫނުތައް ބައްޓަންކުރުމަށް، އެކަމާގުޅޭ ލަފާ ސަރުކާރަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ." ބްރޯޑްކޮމްގެ ބަޔާނުގައި ވެއެވެ.

ބްރޯޑްކޮމުން ބުނީ، މީޑިއާގެ ޙައްޤުތައް، ޚާއްޞަކޮށް ބްރޯޑްކާސްޓަރުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެއްބާރުލުމާއި، އެހީތެރިކަން ފޯރުވައިދިނުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ބާރު ލިބިގެން އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި، ކޮމިޝަން ދެމި އޮންނާނޭ ކަމުގެ ޔަޤީންކަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އަރުވާ ކަމަށެވެ.

އަދި، ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައާއި، މިފަދަ އެންމެހާ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، ކޮމިޝަނުން އެކުލަވާލާފައިވާ "ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ޢަމަލު ކުރަންވީ ގައިޑްލައިން"ގެ ހަމަތަކާ އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން