ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފަލްސަފާއަށް ބަދަލު ނުގެނެސް އެފަލްސަފާ ދެމެހެއްޓުމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑަައިގެން ވާހަކަ ދައްކަވަމުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހެޔޮވެރިކަމާއި ހައްގުތަައް ކަށަވަރު ކުރުމަށް އެމްޑީޕީން ފެށި ދަތުރު އަދި ނުނިމޭ ކަމަށާއި، އަދި އެއީ ނިމޭނެ ދަތުރެއް ނޫން ކަމަށެވެ. އެމްޑީޕީގެ ކުރިމަގު ބައްޓަންކުރަން އޮތް ހައްލަކީ ޕާޓީގެ ފަލްސަފާއަށް ބަދަލު ނުގެނެސް ޕާޓީން ކުރާ ދަތުރު ދެމެހެއްޓުން ކަމަށް ނިޒާރު ވިދާޅުވިއެެވެ. އޭނާ ވިދާޅުވީ ގޮންޖެހުންތައް ހުރި ނަމަވެސް އެމްޑީޕީގެ ފަލްސަފާ ދަމަހައްޓަންޖެހޭ ކަމަށާއި، އެއީ ރައްޔިތުން އެދޭގޮތް ކަމަށެވެ.

"އެމްޑީޕީއަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ އަޅުގަނޑުމެން އެކުލަވާލި ސިޔާސަތާއި އެކަށައެޅި އުސޫލުތަކާއި ފަލްސަފާއަށް ބަދަލެއް ނުގެނެސް ދެމެހެއްޓި ދެމެހެއްޓުން. އެކަން މިއަދުވެސް ދަމަހައްޓަންޖެހޭ. އަދި އެކަމާއެކު ކުރިއަށްދާންޖެހޭ." މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ކަންވެސް ކުރެއްވި ނިޒާރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަަވަމުން ނިޒާރު ވިދާޅުވީ، ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕާޓީން ކަނޑައެޅި ސިޔާސަތާއި ފަލްސަފާގައި ދެމިތިބުން ކަމަށެވެ. އަދި ވެރިކަމުގެ ޖާހަތާއި ޝާނާއި ޝައުކަތުގެ މައްޗަށް ރައްޔިތުންގެ އަސާސީ ބޭނުންތައް އިސްކޮށް އެމްޑީޕީގެ ސިޔާސަތުތަކުން ޖާގަ ލިބިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ސަލާންޖަހަން އާދަވެފައިވާ އެތައް ތަކުލީފުތަކަކުން ރައްޔިތުން މިނިވަންވެއްޖެ ކަމަށް ނިޒާރު ވިދާޅުވިއެވެ. ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅާފައިވާ ހައްގުތަކާއި އެ ހައްގުތައް ދެމިއޮތުމަށް ވަކާލާތު ކުރާ އަޑުތައް އިވެނީ ތިލަފަތުން ރަމްޒުކޮށްދޭ ކަންތައްތަކުން އެކަނި ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެ ހައްގުތައް ހޯދައިދިނުމަށް ގުރުބާނީވެ އޭރުވެސް އަދި މިހާރުވެސް، ޕާޓީގެ ލީޑަރާ، އަނިޔާ އޭރުވެސް ލިބުނީ އަޅުގަނޑުމެންނަށް. މިހާރު ވެސް މިއަދާ ހަމަޔަށް ވެސް އެ ހައްގުތައް ވަކާލާތު ކުރާތީ އަނިޔާ ލިބި މަރުގެ ތުންފަތް މައްޗަށް ހުށައެޅެނީ ޕާޓީގެ ލީޑަރު. މިއީ ދިވެހި އެއްވެސް ރައްޔިތަކު ޝަައްކު ކުރާނެ ކަމެއް ނޫން." ދާދިފަހުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް އިޝާރަތް ކުރައްވަމުން ނިޒާރު ވިދާޅުވިއެވެ.

އައު ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީކަމަށްވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިއަދު ހެނދުނު ބޭއްވި ވަކި ވަކި ރަސްމިއްޔާތުތަކެއްގައި މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި އެމްޑީޕީގެ އޮފީހުގައި ވަނީ ދިދަ ނަގާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަރޗުއަލްކޮށް ރަސްމިއްޔާތުގައި ބައިވެރިވެ އަހަރީ ދުވަސް ފާހަގަކޮށް ދިދަ ނަގާފައިވެއެވެ.

މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަން ހަސަން ލަތީފާއި، ޕީޖީ ލީޑަރު އަލީ އާޒިމާއި ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ. ސަރުކާރުގެ ވެރިންގެ ތެރެއިން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒް ފިޔަވައި އިތުރު ބޭފުޅަކު ރަސްމިއްޔާތުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެމްޑީޕީއަށް 16 އަަހަރު ފުރިފައިވާއިރު، އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހާއި ދެމެދު، ޚިޔާލު ތަފާތުވުންތައް ބޮޑުވެ ޕާޓީ މިހާރު ވަނީ ދެފެކްޝަނަކަށް ބެހިފައެވެ. އެމްޑީޕީ ދެބައިވެފައިވާ ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ. އެގޮތުން މިއަދުގެ މި މުހިންމު ހަފުލާއިން ވެސް ފެނިގެން މިދިޔައީ އެ ދެބަސްވުން ތަކުގެ އަސަރު ކަމުގައި ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން