ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ އެނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، މިމައްސަލައިގެ އަޑުއެހުންތައް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަށާފައެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވެސް ޕީޖީ ވަނީ ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށްގެންދާތީ އެކަމާއި ދެކޮޅު ހައްދަވާފައެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ. މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް، އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފުރާވަޑައިގެންފައެވެ. އަދި ކޯޓުން ދިން މުއްދަތުގައި ބޭސް ފަރުވާގެ ކަންކަން ނުނިމޭތީ އަލީ ވަހީދުގެ އެދިވަޑައިގެންނެވުމުގެ މަތިން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމެވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ދިވެހި ދައުލަތުގެ އިހްތިޞާސް ނުހިނގާ ތަނެއްގައި އަލީ ވަހީދު ހުއްޓާ ޝަރީއަތް ކުރިއަކަށް ނުގެންދެވޭނެކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހަޅުއްވާފައިވާއިރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޕީޖީ އޮފީހުގެ އެދުމުގެ މަތިން ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން